ހ.ލަކީލޮޖް އަބުދުﷲ ރަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޑައިމޯފިން ޓްރެފިކު ކުރުމުގެ މައްސަލަ އަލުން ބަލަން ހައިކޯޓުން، ކުރިމިނަލް ކޯޓަށް ތަހުވީލު ކޮށްފިއެވެ.
މި މައްސަލައަކީ ޑައިމޯފިން ޓްރެފިކު ކުރުމުގެ ތުހުމަތު ކުރެވިގެން އަބުދުﷲ ރަޝީދުގެ މައްޗަށް ދައުލަތުން އުފުލުމުން ކުރިމިނަލް ކޯޓުން ބަލައިފައިވާ މައްސަލައެކެވެ.
މި މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި އަބުދުﷲ ރަޝީދުގެ ފަރާތުން ކުރިމިނަލް ކޯޓަށް ދެ ހުށަހެޅުމެއް ހުށަހެޅިއެވެ.
އެ ދެ ހުށަހެޅުމުގައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކު ކުރުމުގެ ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ދަށުން އޭނާގެ މައްޗަށް އުފުލިގެން ވާނެ ދައުވާއެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެއީ ނުބައި ހަގީގަތްތަކެއްގެ މައްޗަށް އުފުލާފައިވާ ދައުވާއެއް ކަމަށެވެ. އޭގެ އިތުރުން އޭނާ ދިރިއުޅުނު އެޕާޓްމަންޓް ބަލައި ފާސްކޮށް ހޯދާފައިވާ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތީގެ ތަހުލީލު ރިޕޯޓާއި މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ލިޔުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ގަބޫލު ކުރެވޭނެ ހެއްކެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ވެސް އޭނާ ވަނީ ހުށަހަޅައިފައެވެ.
އެ ހުށަހެޅުންތައް ބެލުމަށްފަހު ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އަބުދުﷲ ރަޝީދުގެ މައްޗަށް ދައުލަތުން ކުޅަ ޑައިމޯފިން ޓްރެފިކު ކުރުމުގެ ދައުވާއަކީ، މައުލޫއީ ގޮތުން ކުރިއަށް ގެންދާނެ ތަނެއް ނެތް ދައުވާއެއް ކަމަށެވެ.
ނަމަވެސް ކުރިމިނަލް ކޯޓުގެ އެ ނިންމުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފު ނިންމުމެއް ކަމަށްބުނެ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅި އެވެ.
މައްސަަލަ ހައިކޯޓުން ބަލައި، އެ ކޯޓުން މިއަދު ވަނީ ކުރިމިނަލް ކޯޓުގެ ނިންމުން ބާތިލު ކޮށްފައެވެ. އަދި އެ މައްސަލަ އަލުން ބަލައި ފައިސަލާ ކުރަނިވި ނިންމުމަކުން އެ މައްސަލަ ނިންމުމަށް ޓަކައި އެ މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށްވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު