ކުޅިވަރު

ލުކާކޫ ޕްރިމިއާ ލީގުގައި ޖެހި "އެންމެ ހާއްސަ" ގޯލާއެކު ޗެލްސީން ޑާބީ ކާމިޔާބު ކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ލަންޑަން ޑާބީގައި ޗެލްސީން އާސެނަލް ބަލިކޮށްފިއެވެ.

ރޭ އާސެނަލްގެ އެމިރޭޓްސް ދަނޑުގައި ކުޅުނު ޑާބީ ޗެލްސީން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޗެލްސީއާ މި ސީޒަނާ އަލަށް ގުޅުނު ރޮމެލޫ ލުކާކޫ ފެނިގެން ގޮސްފައިވާއިރު، ލުކާކޫ ވަނީ މެޗުގެ ފުރަތަމަ ގޯލްވެސް ޖަހައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ. ލުކާކޫ ވެގެން ގޮސްފައި ވަނީ މެޗުގައި އާސެނަލްގެ ޑިފެންސަށް ބޮޑު ނުރައްކަލަކަށެވެ.

ރޭގެ މެޗަށް އާސެނަލްއިން ނުކުތީ މިފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން އަލަށް ޕްރޮމޯޓުވި ބްރެންޓްފޯޑު އަތުން ބަލިވެގެންނެވެ. ޗެލްސީ މެޗަށް ނުކުތީ ފުރަތަމަ މެޗުންވެސް މޮޅުވެފައި އޮވެގެން ރަނގަޅު ފޯމެއްގައެވެ. ފުރަތަމަ މިނެޓުން ފެށިގެންވެސް މެޗު ޗެލްސީން ޑޮމިނޭޓްކޮށް ކުޅެފައިވާއިރު، 14 ވަނަ މިނެޓުގައި ރީސް ޖޭމްސް ނެގި ހުރަސް ގޯލަށް ވައްދާލައި، ލުކާކޫ އޭނާގެ ގޯލް ކާމިޔާބު ކުރިއެވެ.

މެޗަށްފަހު ލުކާކޫ ބުނެފައި ވަނީ އާސެނަލް ކޮޅަށް ޖެހި ޑާބީ ގޯލަކީ ޕްރިމިއާ ލީގުގައި މިހާތަނަށް އޭނާ ޖެހި އެންމެ މުހިއްމު، އަދި ހާއްސަ ގޯލް ކަމަށެވެ. ލުކާކޫ ރޭގެ މެޗަށް ނުކުތްއިރު، ކުރިން ޕްރިމިއާ ލީގުގައި އޭނާ ހޭދަކުރި ދުވަސްތަކުގައި ވަނީ 113 ގޯލް ޖަހައިފައެވެ. ކުރިން ލުކާކޫ ޗެލްސީއަށް ކުޅުނު 10 މެޗުގައި އޭނާއަށް ގޯލެއް ޖެހިފައެއް ނުވެއެވެ. ކުރިން ލުކާކޫ ޗެލްސީއަށް ކުޅެފައި ވަނީ އޭނާ ޒުވާން ދުވަސްވަރުއެވެ.

"އެއީ އަހަންނަށް ޕްރިމިއާ ލީގުގައި ކާމިޔާބުކުރެވުނު އެންމެ މުހިއްމު ގޯލް. އެއީ ވަރަށް ހާއްސަ އިހުސާސެއް. ގޯލަކީ ފަސޭހަ ގޯލެއް ނަމަވެސް އެ ގޯލް ޖަހަން ކުޅުނު ރީތި ކުޅުން ވަރަށް ބޮޑަށް ފާހަގަކުރެވުނު. ފަސް މިނެޓު ތެރޭގައި ކުޅުންތެރިން ދަސްވެއްޖެ. ސުވާލުތައް ކޮށްގެން އެކަމަކު. މިއީ ވަރަށް ހުނަރުވެރި ކުޅުންތެރިން ތިބީ ގްރޫޕެއް،" މެޗަށްފަހު ލުކާކޫ ބުނެފައިވެއެވެ.

ރޭގެ މެޗުގައި ޗެލްސީން ވަނީ ފުރަތަމަ ހާފްގައި އިތުރު ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ ފުރަތަމަ ގޯލަށް ފުރުސަތު ފަހިކޮށްދިން ޖޭމްސް އަރިމަތިން ކުރިއަށް ޖެހި ކާމިޔާބުކޮށްދިން ހިތްގައިމު ގޯލެކެވެ. ދެވަނަ ހާފްގައިވެސް އާސެނަލްގެ މާ ބޮޑު ނުރައްކަލެއް ފާހަގަވެފައެއް ނުވެއެވެ. ޗެލްސީން މެޗު ނިންމާލީ ޑޮމިނޭޓިވް ކުޅުމަކާ އެކުގައެވެ.