މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް އައްޑޫ ސިޓީގައި ފާހަގަކުރަން ސަރުކާރުން ނިންމައިފިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 27 ގައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އިބްރާހިމް ފަރުހާދު "ވަން" އަށް މިރޭ ވިދާޅުވީ، ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސެޕްޓެމްބަރު 27 އިން ފެށިގެން އޮކްޓޯބަރު ތިނެއްގެ ނިޔަލަށް އައްޑޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

ކޮވިޑުގެ ސަބަބުން މިދިޔަ އަހަރުގެ ޓޫރިޒަމް ދުވަހުގެ އެއްވެސް ހަރަކާތެއް ބާއްވައިފައެއް ނުވެއެވެ. ފަރުހާދު ވިދާޅުވީ، މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަން ނިންމާފައި އޮތް ނަމަވެސް ކޮވިޑުގެ ހާލަތަށް ރިއާޔަތްކޮށް ތާވަލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

  • 27 ސެޕްޓެމްބަރު: އައްޑޫ މެރަތަން
  • 28 ސެެޕްޓެމްބަރު: ފޮޓޯ ކޮމްޕެޓިޝަން އަދި އައިލެންޑް ކްރޮސިން ރޭސް
  • 29 ސެޕްޓެމްބަރު: ބީޗް ކްލީނިން އަދި ޖަޒީރާ މަސްރޭސް
  • 30 ސެޕްޓެމްބަރު: ވޯޓާ ސްޕޯޓްސް ކާނިވަލް
  • 1 އޮކްޓޯބަރު: ޖޮބް ފެއާ
  • 2 އޮކްޓޯބަރު: ޗިލްޑްރެންސް ފެސްޓިވަލް
  • 3 އޮކްޓޯބަރު: ރަސްމީ ޖަލްސާ (ސަގާފީ ހަރަކާތްތަކާއެކު) އާއި ޓޫރިޒަމް މެޕިން

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް އައްޑޫގައި ފާހަގަކުރަން ހަމަޖައްސާފައިވާ އިރު، އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ހިމެނޭ ސަދަން ރީޖަނުގައި ފަތުރުވެރިކަން ކުރިއަރުވައި، ފަތުރުވެރިން އިތުރުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ކަމާގުޅުން ހުރި ފަރާތްތައް ގުޅިގެން ޗާޓަރު ފްލައިޓުތަކެއް ބާއްވަންވެސް ވަނީ ހަމަޖައްސައިފައެވެ.