ކޮވިޑް ވެކްސިންގެ ދެ ޑޯޒަށްފަހު، އިތުރު ބޫސްޓާ ޑޯޒެއް ޖަހަން ޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ޖަޕާން ސަރުކާރުން މިއަދު ވަނީ ރާއްޖެއަށް 112،000 ޑޯޒުގެ އެސްޓްރަޒެނެކާ ވެކްސިން ހަވާލުކޮށްފައެވެ. މިއީ ޖަޕާނުގެ "ލާސްޓް ވަން މައިލް ސަޕޯޓް"ގެ ދަށުން ދީފައިވާ ވެކްސިނެވެ.

އެ ވެކްސިނާ ހަވާލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ނަސީމް ވިދާޅުވީ މި ޕްރޮގްރާމަކީ ވަރަށްވެސް ރަނގަޅު ޕްރޮގްރާމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒެއް ޖަހަން ޖެހޭނެ ކަމަށާއި މިއަދު ހަދިޔާކުރި ވެކްސިންގެ ސަބަބުން އެކަމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ވަރަށް ރަނގަޅު ޕްރޮގްރާމެއް (ލާސްޓް ވަން މައިލް ސަޕޯޓް) މިއީ، އަޅުގަނޑުމެން އަދި ބޫސްޓާ ޑޯޒެއް ޖަހަން ޖެހޭނެ. އެހެންވީމަ މި ހުރިހާ ކަމަކަށް ބަލާއިރު، އަޅުގަނޑު ދެކޭ ގޮތުގައި މި ވެކްސިނަކީ ވަރަށް ވެލްކަމް އެއްޗެއް އަޅުގަނޑުމެންނަށް ލިބުނު،" ނަސީމް ވިދާޅުވިއެވެ.

ބޫސްޓާ ޑޯޒް ޖެހުމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް މިނިސްޓަރު ދެއްވާފައެއް ނުވެއެވެ.

ކޮވިޑުގެ ތިންވަނަ ޑޯޒެއް ޖަހަން ޖެހޭނެ ކަމަށް މިނިސްޓަރު ނަސީމު ވިދާޅުވެފައިވާ އިރު، އެކި ސަބަބުތަކާ ހުރެ ދިފާއީ ނިޒާމު އާދަޔާ ހިލާފަށް ބަލިކަށި މީހުންނަށް ކޮވިޑު ވެކްސިންގެ ތިން ވަނަ ޑޯޒެއް ދިނުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑުރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ މިމަހުގެ ތެރޭގައި ދީފައެވެ. ބޫސްޓާ ޑޯޒުގެ ގޮތުގައި ބޭނުން ކުރުމަށް އެމެރިކާގައި ހުއްދަ ދީފައިވަނީ ފައިޒާ ނުވަތަ މޮޑާނާ ވެކްސިނަށެވެ.