އިސްލާމް ދީނާ ދެކޮޅު ފިކުރުތައް ހުއްޓުވުމަށް ކަމާ ގުޅޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ބޭއްވި ބައްދަލުވުމަކީ އިސްލާމް ދީނާ ދެކޮޅު ފިކުރުތަކާ ގުޅޭ ގޮތުން އެ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމަށް ބުންޏެވެ.
އެގޮތުން ގާނޫނީ ބާރު ލިބިގެން އެފަދަ މައްސަލަތައް ހައްލު ކުރުމަށާއި އެފަދަ މައްސަލަތަކުގައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި ހުރި ދަތިތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާ ކަމަށް ބުންޏެވެ.
އޭގެ އިތުރުން އިސްލާމް ދީނުގެ ނަމުގައި ހިންގާ ހަރުކަށި އަމަލުތަކާއި އިސްލާމީ އަހުލާގީ މިންގަނޑުން ބޭރު އަމަލުތަކާއި އިސްލާމީ ޝަރީއަތް ހުއްދަ ނުކުރާ ވިޔަފާރިތައް މުޖުތަމައުގައި އާއްމުވަމުންދާތީ، އެފަދަ ކަންކަން ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، އެކަންކަން ހައްލު ކުރުމަށްޓަކައި މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށްވެސް އެއްބަސްވެފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިއަދުގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު