ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކެފޭ އާއި ކުލިނިކާއި ފާމަސީ އަދި ފިހާރަ ހިންގާނެ ބަޔަކު ހޯދަނީ

ރިފާ ހަލީލު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިހުރި ހިޔާ ފުލެޓުތަކުގެ ކޮމާޝަލް ބައިގައި ފާމަސީ އާއި ކެފޭ ރެސްޓޯރަންޓާއި ފިހާރަތަކާއި ކުލިނިކުތައް ހިންގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެޗްޑީސީން މި މަހުގެ 19 ވަނަ ދުވަހު ކޮށްފައިވާ އިއުލާންތަކެއްގައި ބުނެފައިވަނީ، ހިޔާ ފްލެޓުތަކުގެ އެޗް ހައެއް، އެޗް ހަތެއް، އެޗް ނުވައެއް، އެޗް 11، އަދި އެޗް 13 ވަނަ ޓަވަރުގައި ފާމަސީ އާއި ކެފޭ ރެސްޓޯރަންޓައި، ކުލިނިކާއި ފިހާރަތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ފާމަސީ ހެދުމަށް ޝައުގުވެރިވާ ނަމަ، އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި މިކަމަށް އެޗް 11 ވަނަ ޓަވަރުން 539 އަކަފޫޓު ދޫކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ފިހާރަ ހެދުމަށް ޝައުގުވެރިވާ މީހުންނަށް ޕްރޮޕޯސަލް އާއި ބިޑު ސެކިއުރިޓީ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފައިވާއިރު ފިހާރަ ހިންގުމަށް އެޗް 13ގެ ޓަވަރުން 1093.40 އަކަފޫޓުގެ ޖާގަ ދޫކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

ކެފޭ ހެދުމަށް ހުޅުވާލާފައިވާ ތިން ޓަވަރަކީ އެޗް ހަތަކާއި އެޗް ނުވަޔަކާއި އެޗް 13 އެވެ. އަދި މިތާނގައި ކެފޭ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އެދިފަ އެވެ. އެޗްޑީސީން ބުނީ ކެފޭ ހެދުމަށް 1،096 އާއި 2،196 އަކަ ފޫޓާ ދެމެދުގެ ޖާގަ ދޫކުރާނެ ކަމަށެވެ.

ކުލިނިކެއް ހިންގަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 16 ވަނަ ދުވަހު ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ. އަދި ކުލިނިކު ހިންގުމަށް އެޗް ހައެއް ޓަވަރުގެ ގްރައުންޑް ފްލޯގެ 2،190 އަކަ ފޫޓުގެ ޖާގައެއް ދޫކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ހިޔާ ފުލެޓުތަކުގެ ގުރައުންޑު ފްލޯތައް ހާއްސަ ކޮށްފައިވަނީ ކޮމާޝަލް ބޭނުންތަކަށެވެ.

މިހާރު ހިޔާ ފުލެޓުތައް ލިބުނު ފަރާތްތަކަށް ފުލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ހަވާލުކޮށްފައިވާ ފަރާތްތަކުން އެތަނުގެ ފިނިޝިންގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަނީ ހުއްދަދީފަ އެވެ. އަދި މިއާއެކު ފުލެޓުވެރިން ވަނީ މަސައްކަތްވެސް ފަށާފަ އެވެ.