އަފްގާނިސްތާނުން އިންޑިއާއަށް އެތެރެވާ ރައްޔިތުންނަށް ޕޯލިއޯ ވެކްސިން ދޭން ނިންމައިފި އެވެ.

އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓަރު މަންސުކް މަންދާވިޔާ ކުރެއްވި ޓުވީޓެއްގައިވަނީ އެގައުމުގެ ސަރުކާރުން އަފްގާނިސްތާނުން އެތެރެވާ ފަރާތްތަކަށް ޕޯލިއޯ ވެކްސިން ދޭން ނިންމާފައިވާކަން އިއުލާނުކުރައްވައި އެ މަސައްކަތް ކުރިއަށްދާ ކަމުގެ ފޮޓޯއެއް ހިއްސާކުރައްވާފައެވެ.

މި ހަބަރު ހިއްސާކުރައްވާފައިވަނީ ކާބުލް އިން ނައްޓާލި އިންޑިއާގެ ސީ-17 އަސްކަރީ މަތިންދާ ބޯޓު ގާޒިއާބާދުގެ ހިންދޮންގައި ޖެއްސިކަން އެގައުމުން އިއުލާނުކޮށްފައިވަނިކޮށެވެ. އެފްލައިޓުން ވަނީ 100 އަށްވުރެ ގިނަ އިންޑިއާ ރައްޔިތުން އަދި އަފްގާނަށް ނިސްބަތްވާ 20 ސިކުންނާއި ހިންދޫން ހިމެނޭހެން ޖުމުލަ 168 މީހުން ދަތުރުކޮށްފައެވެ. ކާބުލް އެއާޕޯޓުން މިއަދު ނައްޓާލި އިންޑިއާގެ އިތުރު ދެ މަތިންދާ ބޯޓު އެގައުމުގައި ޖައްސާފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ 87 މީހުން ހިމެނޭ، ހާއްސަ އެއާ އިންޑިއާ ފްލައިޓެއްވެސް ހިމެނެއެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ އަފްގާނިސްތާނުގައި ތާލިބާނުން ހިންގަމުންގެންދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި އެގައުމުގެ ސިއްހީ ނިޒާމު ބަލިކަށިވެފައިވާ ކަމުގެ އިންޒާރުދީފައެވެ. އެފަރާތުން ލަފާކޮށްފައިވާ ގޮތުގައި އަފްގާނިސްތާނު އާބާދީގެ ދެބައިކުޅަ އެއްބައި މީހުންގެ ތެރޭގައި ހިމެނޭ 4 މިލިއަނަށްވުރެ ގިނަ އަންހެނުންނާއި 10 މިލިއަނާ ގާތްކުރާ އަދަދެއްގެ ކުޑަކުދިންވަނީ އިންސާނީ އެހީތެރިކަމަށް ބޭނުންވެފައެވެ. ޑަބްލިއުއެޗްއޯއިން ވަނީ ހުރިހާ ގައުމުތަކަކުންވެސް އަފްގާނިސްތާނު ރައްޔިތުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުން ދިއުމަށް އެދިފައެވެ.