ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލެއިން އުފަންދުވަހުގެ ސެޓުފިކެޓު ހެއްދޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވީ މާލޭ ސިޓީގެ ތަރައްގީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭން އަދި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އިތުރުން އެކްޝަން ޕްލޭނަށް ހިޔާލު ހޯދުމަށް ހުޅުމާލޭ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.
ޝުޖާއު ވިދާޅުވީ ހުޅުމާލޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ ނުގޮސް ސިދާ ހުޅުމާލެއިން އުފަންދުވަހުގެ ސެޓުފިކެޓު ހެއްދޭނެ ގޮތް ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ފަށާނެ ކަމަށެވެ.
ކައުންސިލަރު ކަމާއި ހަވާލުވެވަޑައިގެން ހުޅުމާލެ ސެކްޝަނާ ހަވާލުވެވަޑައިގެންނެވިއިރު އެތަނުން ހަމައެކަނި ކުރަމުން އައި މަސައްކަތަކީ ފޯމްތައް ބަލައިގަތުން ކަމަށާއި އެހެންވެ އެ ތަނުގެ މަސައްކަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑު ކައުންސިލަރު ކަމާ ހަވާލުވި އިރު ހުޅުމާލޭ ސެކްޝަނަށް ހަމައެކަނި އުފަންދުވަހު ސެޓުފިކެޓުތައް ހެއްދުމަށް ބޭނުންވާ ފޯމު ހުށަހެޅޭނީ. އަޅުގަނޑުވެސް ގަބޫލު ކުރަން ރައްޔިތުންނަށް ދަތިވާނެކަން އަލުން އަނެއްކާ މާލެ ގޮސް އެ ފޯމު ހައްދަން އެތައް ދުވަހެއް ނެގުމުން. އެހެންވީމަ އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި މިކޮޅުން (ހުޅުމާލެ) އިން އުފަންދުވަހުގެ ސެޓުފިކެޓު ހެއްދޭނެ ގޮތް ހަދާނަން. އަދި ފޯމު ލާތާ ތިން ދުވަސްތެރޭ ސެޓުފިކެޓު ލިބޭނެ ގޮތް ހަދާނަން." އޭނާ ވިދާޅުވި އެވެ.
އަލަށް އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރެޖިސްޓްރީ ކުރަން ހުށަނާޅާ ފަރާތްތައް 10،000 ރުފިޔާއިން ޖޫރިމަނާ ކުރަން ހިމަނައި، އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓު އަދި އައިޑީ ކާޑު ހެއްދުމާ ގުޅޭ ބިލެއް މިފަހުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު