ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ އިން އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރު ވެގެން ނިމިއްޖެއެވެ.

ބިލްބާއޯގެ ދަނޑުގައި ރޭ ބާސާއިން ނެރުނު ނަތީޖާއާއެކު އެޓީމު މިވަގުތު އޮތީ ލީގުގެ އެއްވަނައިގައެވެ. މެޗުގައި ބާސާ ބަލިވާން ދަނިކޮށް އެޓީމަށް ގޯލް ޖަހައިދިނީ މި ސީޒަނަށް ކްލަބަށް ބަދަލުވި ނެދަލޭންޑްސްގެ ފޯވަޑް މެމްފިސް ޑިޕޭއެވެ.

ފައިސާގެ ގޯސް ހާލަތެއްގައި އޮތް ބާސާއިން މި ސީޒަނަށް ތައްޔާރުވީ ޗެލެންޖުތަކަކާ އެކުގައެވެ. ކުޅުންތެރިންގެ މުސާރަތައް ކުޑަކޮށް ބާސާއިން ދަރަނީން ސަލާމަތްވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެޓީމަށް ކުރިމަތިވި އެންމެ ބޮޑު ގެއްލުމަކީ ކެޕްޓަން ލިއޮނަލް މެސީ ކްލަބުން ދިއުމެވެ. ފައިނޭންޝިއަލް ފެއާ ޕްލޭގެ ތެރެއިން މެސީގެ ކޮންޓްރެކްޓް ލަލީގާއިން ބާސާއަށް ރަޖިސްޓްރީ ނުކޮށްދިނުމުން މެސީ ޕީއެސްޖީއަށް ބަދަލުވުމުން ބާސާއިން އަންނަނީ އޭނާ ނެތްތަން ފޫބައްދަން މަސައްކަތް ކުރަމުންނެވެ.

ރޭގެ މެޗަކީ މި ސީޒަންގެ ލީގުގައި ބާސާ ކުޅުނު ދެވަނަ މެޗެވެ. ރޭގެ މެޗު ވެގެން ދިޔައީ ބެލުންތެރިންނަށް ހިތްގައިމު މެޗަކަށެވެ. ދެ ޓީމުންވެސް ހަމަލާތައް ގިނަކޮށް މެޗު ފެނިގެން ގޮސްފައިވާއިރު، ދެޓީމުގެ ފަރާތުންވެސް ހަމަލާތައް ގޯލުގެ މަތީ ދަނޑިއަށް އަމާޒުވިތަން ފެނިގެން ދިޔައެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ބިލްބާއޯގެ އިންޑިގޯ މާޓިނޭޒް ލީޑު ނަގައިދީފައިވާއިރު، ފުރަތަމަ މިނެޓުން ފެށިގެންވެސް އިނާކީ ވިލިއަމްސްގެ އާއި މާޓިނޭޒް ދިޔައީ ބާސާގެ ޑިފެންސަށް އުނދަގޫތަކެއް ކުރިމަތި ކުރުވަމުންނެވެ. މެޗުން ބާސާއަށް ޕޮއިންޓެއް ސަލާމަތްކޮށްދިން ގޯލް، މެޗުގެ 75 ވަނަ މިނެޓުގައި ޑިޕޭ ޖަހާފައިވާއިރު، އޭގެ އިތުރުން ބާސާއަށް ގޯލަކާ އެންމެ ގާތަށް ޖެހިލީ ފްރޭންކް ޑިޔޯންގެވެ. އޭނާގެ ގޯލްކީޕަރު ބޯމަތިން އެއްލި ޗިޕް ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

މެޗުގެ ފަހު މިނެޓުގައި ބާސާގެ އެރިކް ގާސިއާއަށް ރެފްރީ ވަނީ ރަތް ކާޑުވެސް ދައްކާފައެވެ. އޭނާއަށް ރެފްރީ ސީދާ ރަތެއް ދެއްކީ ވިލިއަމްސްއަށް ކުރި ފައުލަކަށެވެ.

ބާސާއާއެކު ލީގަށް ވާދަކުރާ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑުގެ މެޗުތައް މިރޭ އޮންނައިރު، މޮޅަކާއެކު އެދެޓީމަށްވެސް ބާސާގެ މައްޗަށް ތާވަލުގައި ޖެހިލެވޭނެއެވެ.