އިންޑިއާގެ ރައްޔިތެއް ކަމަށްވާ، ކަޕޫރުﷲ ޔޫސުފް، ފޮރުވައިގެން ރާއްޖެ ގެނައި ރަންތަކެއް ދައުލަތަށް ނަރަން ސިވިލް ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފިއެވެ.
މި މައްސަލައަކީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ކަޕޫރުﷲ ޔޫސުފް މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ރާއްޖެ އައިއިރު، އޭނާ ލައިގެން ހުރި ޖެކެޓުގެ ތެރެއަށާއި، ފަޓުލޫނުގެ ޖީބަށް އަޅައިގެން ފޮރުވައިގެން ގެނައި ރަންތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް ޑިކްލެއާ ނުކޮށް ރާއްޖެ އެތެރެ ކޮށްފައިވާތީ، ރާއްޖޭގެ ކަސްޓަމްސްގެ ގާނޫނުގެ ދަށުން އެ މުދާ ދައުލަތަށް ނެގުމަށް ކަސްޓަމުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަަލަ ބަލައި ސިވިލް ކޯޓުން ނިންމި ނިންމުގައި ބުނެފައި ވަނީ، ކަޕޫރުﷲ ޔޫސުފް ރާއްޖެ އެތެރެ ކުރި 1700 ގްރާމްގެ ރަނުގެ އަގަކީ، ކަސްޓަމްސް އިން ގަބޫލު ކުރާ ރަނުގެ ރޭޓުން ބަލާއިރު 1.1 މިލިޔަން ރުފިޔާ ކަމަށެވެ.
އެހެންކަމުން އެ ރަން ކަސްޓަމްސްއަށް ޑިކްލެއާ ނުކޮށް، ރާއްޖެ އެތެރެ ކޮށްފައި ވަނީ ކަސްޓަމްސްގެ ގާނޫނާ ހިލާފަށް ކަމުން، އެ މުދާ ހިފެހެއްޓުމުގެ ބާރު ކަސްޓަމްސްގެ ގާނޫނުގެ ދަށުން ދައުލަތަށް ލިބިގެންވާތީ އެ ރަނަކީ ދިވެހި ދައުލަތަށް ނެގިދާނެ، ދިވެހި ދައުލަތުގެ މިލްކެއް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމް ކުރިއެވެ.
އެ މައްސަލައިގައި ސިވިލްކޯޓުން ކުރި ހުކުމް ކަޕޫރުﷲ ޔޫސުފްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލައިގައި ހައިކޯޓުން ހުކުމް ކުރީ ސިވިލްކޯތުގެ ނިންމުމަށް ތާއީދު ކޮށެވެ.
އެކަމާ ގުޅިގެން ހައިކޯޓުގެ ހުކުމް ބާތިލްކޮށްދިނުމަށް އެދި ކަޕޫރުﷲ ޔޫސުފްގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ބަލައި ބުރާސްފަތި ދުވަހު ސުޕްރީމްކޯޓުން ކުރި ހުކުމްގައި ވަނީ ސިވިލްކޯޓުގެ ހުކުމަށް ތާއީދުކުރާ ކަމަށެވެ. އަދި އެ މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ކަޕޫރުﷲ ޔޫސުފްގެ ފަރާތުން ހުށަހަޅައިދެވިފައި ނުވާކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށްވެސް ސުލްރީމް ކޯޓުގެ ހުކުމްގައި ވެއެވެ.
ސުޕްރީމް ކޯޓް