އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި އިއްޔެ ބެންގަލޫރު އެފްސީން ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗު ނިމިފައި ވަނީ 0-0 އިން އެއްވަރު ވެގެންނެވެ. ބެންގަލޫރުން މިހާތަނަށް ގްރޫޕް ޑީގައި ކުޅުނު ދެ މެޗުން ޕޮއިންޓެއް ލިބިފައިވާއިރު، އެޓީމަށް ވަނީ ޒޯނަލް ނޮކްއައުޓު ބުރުގެ ފުރުސަތު ގެއްލިފައެވެ. ގްރޫޕް ސްޓޭޖުގެ ތިން ދުވަސް ކުރިން ކޮލިފިކޭޝަން ކުޅުނު ބެންގަލޫރުގެ ކޯޗު، މާކޯ ޕެޒޯލީއަށް އިއްޔެ ނަތީޖާ އެންމެ އިންސާފުވެރި ނޫން ކަމަށް މެޗަށްފަހު އޭނާ ބުނުފައިވެއެވެ.
އިއްޔެ ހަވީރު ގައުމީ ދަނޑުގައި ކުޅުނު މެޗުގެ ދެވަނަ ހާފުގައި ބެންގަލޫރުގެ ޑިފެންޑަރު އެލަން ކޮސްޓާ ބޮލުން ޖެހި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ބޭރުވިތަން ފެނިގެން ގޮސްފައިވާއިރު، އެ ބޯޅަ ގޯލު ރޮނގު ހުރަސްކުރި ކަމަށް ބެންގަލޫރުގެ ކުޅުންތެރިންނާއި ބެންޗުން ވަނީ ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ. މެޗަށްފަހު ޕެޒޯލީ ބުނެފައި ވަނީ ބޮޑެތި އިންވެސްޓްތައް ކޮށްގެން ޓީމުތަކުން ދާ މުބާރާތްތަކުގައި ޓެކްނޮލޮޖީ ފަދަ ވަސީލަތްތައް ބޭނުން ކުރަން ޖެހޭނެ ކަމަށެވެ.
"އަހަރެން ވީޑިއޯ ބެލިން. އެއީ ގޯލެއް. އަހަރެމެން ވަރަށް ބޮޑު އިންވެސްޓެއް ކޮށްފައި މި މުބާރާތަށް މި އަންނަނީ. ރާއްޖޭގައި އަނެއްކާ ވެސް މި ގޮތަށް މިވީ. އަހަރެމެން ހިތަށް އަރާ ކީއްވެބާއޭ ދުނިޔޭގެ އެހެން ބައްރުތަކުގައި ގައުމުތަކުގައި ކުރާ ގޮތަށް ޓެކްނޮލޮޖީ ބޭނުން ކޮށްގެން އޭއެފްސީ މި މުބާރާތް ކުރިއަށް ނުގެންދަނީ. މި ފަހަރު މި ގޮތަށް މި ވީ އަހަރެމެންނާ ދެކޮޅަށް. ދެން ފަހަރަކުން އެހެން ޓީމަކަށް ވެސް ވެދާނެ،" ޕެޒޯލީ ބުންޏެވެ.
ޕެޒޯލީ އިތުރަށް ބުނެފައި ވަނީ ބެންގަލޫރު ރަނގަޅަށް ކުޅެ، ގިނަ ފުރުސަތު ވެސް ހޯދި މެޗަކުން ގޯލެއް ޖަހާފައި މޮޅު ނުވެވި ފޭބުމަކީ ވަރަށް މާޔޫސްވާ ކަމެއް ކަމަށެވެ.
އިއްޔެގެ މެޗަށްފަހު ޕެޒޯލީ ވަނީ މާ ކައިރިން ޕްލޭ އޮފް ކޮލިފިކޭޝަން މެޗު ކުޅެން ޖެހުމުންވެސް ކަންބޮޑުވުން ފާޅު ކޮށްފައެވެ.
މެޗުގެ ނަތީޖާއާއެކު ބަޝުންދުރާއަށް އަދިވެސް އަނެއް ބުރުގެ ފުރުސަތު އެބައޮތެވެ. ފަހު މެޗުގައި ބަޝުންދަރާއިން އޭޓީކޭ ބަލިކޮށްފިނަމަ، އަނެއް ބުރަށް ދެވެން އޮތް ފުރުސަތަކީ ރަނގަޅެއް ކަމަށް އިއްޔެގެ މެޗަށްފަހު އެޓީމުގެ ކޯޗު އޮސްކާ ބުރޫޒޯން ބުނެފައިވެއެވެ. ގްރޫޕްގެ ފަހު މެޗުތައް އޮންނާނީ އަންގާރަ ދުވަހު އެވެ. އެ ދުވަހު ހަވީރު ބަޝުންދަރާ އާއި އޭޓީކޭ މޯހަން ބަގާން ކުޅޭއިރު، އެރޭ ބެންގަލޫރު ކުޅޭނީ މާޒިޔާއާ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު