އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން ނޯވިޗު ކޮޅަށް ފަސް ގޯލް ޖަހައި ބަލިކުރިއިރު، އަލަށް ކްލަބަށް ސޮއިކުރި ޖެކް ގްރީލިޝް ސިޓީ ޖަޒީގައި ފުރަތަމަ ގޯލް ޖަހައިފިއެވެ.

ރޭ ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެދު ކެނޑުމަކަށްފަހު އަނެއްކާވެސް މި ސީޒަނަށް ޕްރިމިއާ ލީގަށް އައި ނޯވިޗު ސިޓީން މިހާތަނަށް ލީގުގައި ކުޅުނު ދެ މެޗުންވެސް ބޮޑު ތަފާތަކުން ބަލިވެފައިވާއިރު، ސިޓީން ރޭގެ މެޗަށް ނުކުތީ ފުރަތަމަ މެޗުގައި ޓޮޓެންހަމް އަތުން ބަލިވެފައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ސިޓީން އެޓީމުގެ ޕޮސެޝަން ފުޓުބޯޅަ މެޗުގައި ކުޅެމުން ގެންގޮސްފައިވާއިރު، ދެ އަރިމަތިން ކުޅުނު ގެބްރިއަލް ޖީސަސް އަދި ގްރީލިޝްގެ ދައުރު މެޗުގައި ސިޓީއަށް ބޮޑެވެ. ހުރިހާ ހަމަލާތަކެއް ކަހަލަ ގޮތަކަށް އެ ދެކުޅުންތެރިންގެ ފަރާތުން އައިސްފައިވާއިރު، މެޗުގެ ފުރަތަމަ ގޯލަކީ ޖީސަސް އަރިމަތިން ނަގައިދިން ހުރަސް ނުރައްކާތެރިކޮށް ގޮސް، ނޯވިޗް ޑިފެންޑަރު ފައިގައި ޖެހި މިސްރާބު ގެއްލި ގޯލްކީޕަރު ޓިމް ކްރުލް ގައިގައި ޖެހި ވަން ގޯލެކެވެ.

މެޗުގެ ކޮންޓްރޯލް ގެއްލުވައިނުލާ ކުޅުނު ސިޓީން ހާފު ނިންމާލީ އިތުރު ގޯލަކާވެސް އެކުގައެވެ. އަރިމަތިން ޖީސަސް ނަގައިދިން ހުރަސް ގޯލަށް ވަނީ 100 މިލިއަން ޕައުންޑުގެ ކުޅުންތެރިޔާ، ގްރީލިޝްގެ ފައިގައި ޖެހިފައެވެ. އެ ގޯލާއެކު ސިޓީން ހަމަޖެހިލައި، ދެވަނަ ހާފުގައި އިތުރު ތިން ގޯލް ޖެހިއެވެ.

ސިޓީގެ ތިންވަނަ ގޯލް ކޯނަރަކުން އެމްރިކް ލަޕޯޓު ޖެހިއިރު، އަނެއް ދެ ގޯލަކީ ބަދަލު ކުޅުންތެރިންގެ ގޮތުގައި މެޗަށް ނުކުތް ދެ ކުޅުންތެރިން ޖެހި ދެ ގޯލެވެ. އެއީ ރަހީމް ސްޓާލިންއާއި ރިޔާދު މަހަރޭޒް މެޗަށް ނުކުމެ ޖެހި ދެ ގޯލެވެ.

އެންމެފަހުގެ ޗެމްޕިއަން ސިޓީން ރޭގެ މެޗުވެސް ކުޅުނީ އެޓީމުގެ ތަރި ކެވިން ޑިބްރޭނާ ނުލައެވެ. އަނިޔާގައި ހުރި ޑިބްރޭނާގެ އިތުރުން ރޭގެ މެޗުގައި ފެނާންޑީނިއޯ ފެނިފައެއް ނުވެއެވެ.