އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނަ ހަފުތާގައި ކުޅުނު ފުރަތަމަ މެޗުގައި ލިވަޕޫލުން ބާންލީ ބަލިކޮށްފިއެވެ.
ލިވަޕޫލްގެ ތާރީހީ ސްޓޭޑިއަމް އެންފީލްޑުގައި މިއަދު ކުޅުނު މެޗުން އެޓީމު މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ސީޒަނުގައި ކުޅުނު ދެ މެޗުންވެސް ލިވަޕޫލް މޮޅުވެފައިވާ އިރު، މިއަދުގެ މެޗަކީ މި ސީޒަންގައި ލިވަޕޫލުން ކުޅުނު ފުރަތަމަ ހޯމް މެޗެވެ. މިއަދުގެ މެޗަށް ލިވަޕޫލުގެ ސްޓޭޑިމް ފުރެންދެން ސަޕޯޓަރުން ވައްދާފައިވެއެވެ. މިއީ ޕެންޑަމިކުގެ ފަހުން އެންފީލްޑްގެ ފުލް ހައުސްއެއްގައި ލިވަޕޫލް ކުޅުނު ފުރަތަމަ ފަހަރެވެ.
ޔޫރަޕުގެ އެންމެ މަޝްހޫރު އެއް ސްޓޭޑިއަމް އެންފީލްޑުގެ އަޑު މެޗުގެ ކުރިންވެސް ގުގުމަމުން ދިޔަ އިރު، މިއީ 528 ދުވަހަށްފަހު އެ ސްޓޭޑިއަމް ފުރާލަން ސަޕޯޓަރުންނަށް ލިބުނު ފުރަތަމަ ފުރުސަތެވެ. މެޗުގެ ކުރިން ސަޕޯޓަރުންނާއި ކުޅުންތެރިން ވަނީ ހިލްސްބޮރޯ ހާދިސާގައި އަނިޔާވި ކްލަބުގެ ޒަމާންވީ ސަޕޯޓަރު އެންޑްރޫ ޑެވިން މަރުވުމުގެ ހިތާމައިގައި ހާއްސަ ޓްރިބިއުޓެއް ދީފައެވެ.
މެޗުގެ ފުރަތަމަ ފަސް މިނެޓު ތެރޭގައި ބާންލީން ނުރައްކާތެރި ހަމަލާއެއް އުފެއްދިއެވެ. ޑްވައިޓް މެކްނީލް ޖެހި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެހެންނަމަވެސް އޭގެ ފަހުން ނުރައްކާތެރިކޮށް ފެނުނީ ލިވަޕޫލެވެ. ކައުންޓާ އެޓޭކުތަކުގައި ލިވަޕޫލް އަވަސް ޕާސްތަކާއެކު ބާންލީއަށް ނުރައްކާ ކޮށް، ފުރަތަމަ ހާފުގައި ލީޑުވެސް ނެގިއެވެ. ލިވަޕޫލްގެ ފުރަތަމަ ގޯލު ބޮލުން ގޯލަށް ޖަހައިދިނީ ޕޯޗުގަލްގެ ޑިއޭގޯ ޖޮޓާއެވެ.
ފުރަތަމަ ހާފު ވަރުގަދަކޮށް ނިންމާލި ލިވަޕޫލަށް ދެވަނަ ހާފަށްވެސް ހޭނިލުމަށް ވަގުތެއް ނުނެގިއެވެ. އެޓީމުން ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދާފައިވާ އިރު، ސަޑިއޯ މާނޭގެ ދެވަނަ ގޯލު ޖެހީ ވާޖިލް ވެންޑައިކްގެ ރީތި ކުޅުމަކުން އެލެކްސެންޑްރާ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މެޗު ކޮންޓްރޯލުކޮށް ލިވަޕޫލުން ތިން ޕޮއިންޓް ޔަގީން ކޮށްފައިވާ އިރު، މެޗުން މޮޅުވެ އެޓީމުން ވަނީ ދެ މެޗުން ދެ ކްލީންޝީޓް ދަމަހައްޓައިފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު