އޭއެފްސީ ކަޕް ގްރޫޕް ޑީގައި މިއަދު ހަވީރު ކުޅުނު މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީއާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗު ގޯލެއް ނުޖެހި ނިމުމާއެކު ބަޝުންދަރާ މިވަގުތު ގްރޫޕްގެ އެއްވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް އޭޓީކޭ މޯހަން ބަގާންއަށް އެއް މެޗުން ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އެ ޓީމު މިރޭ މާޒިޔާ ބަލިކޮށްފިނަމަ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނެގޭނެއެވެ. އަނެއް ބުރަށް ހޮވޭނީ ގްރޫޕުގެ އެއްވަނަ ހޯދާ ޓީމު އެކަންޏެވެ. ގްރޫޕުގައި ބަޝުންދަރާ ކުޅޭ ފަހު މެޗުގައި ނުކުންނާނީ އޭޓީކޭއާ ދެކޮޅަށެވެ. ބަޝުންދަރާއަށް ދެން ފުރުސަތެއް އޮތީ އެ މެޗުން އޭޓީކޭ ބަލިކޮށްގެންނެވެ.

މިއަދުގެ މެޗުން އެއްވަރުވެ، ތިން ވަނައިގައި އޮތް ބެންގަލޫރަށް ވަނީ ދެ މެޗުން ޕޮއިންޓެއް ލިބިފައެވެ. އެ ޓީމު ވަނީ މި ނަތީޖާއާ އެކު ކަޓައިފައެވެ. އެންމެ ފުލުގައި އޮތް މާޒިޔާއަށް އަދި ޕޮއިންޓެއް ނުލިބެއެވެ. އެ ޓީމަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ މިރޭ އޭޓީކޭ ބަލިކޮށް، ފަހު މެޗުގައި ބެންގަލޫރުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ހަމަލާތަކެއް ފެނިގެން ގޮސްފައިވާ އިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބަޝުންދަރާއިންނެވެ. އެޓީމުން ފުރަތަމަ ހާފުގެ ބޮޑު ބައިގައި ޕާސްތައް ގިނަކޮށް ކުޅެފައިވާ އިރު، ހަމަލާތައް ފެނުނީ ދާދި ހަމަހަމަ ކޮށެވެ. ފުރަތަމަ ހާފުގައި އެންމެ ނުރައްކާކޮށް ފެނުނީ ބަޝުންދަރާގެ މެދުތެރެއިން ފެނާންޑޭޒް ފޮނުވާލި ބާރު ހަމަލާއެކެވެ. އެ ހަމަލާ ގޯލަށް އަމާޒުވި ނަމަވެސް ބެންގަލޫރުގެ ގޯލްކީޕަރު ގްރަޕްރީތު ސިންހު ވަނީ އެ ބޯޅަ ޕަންޗު ކޮށްލައިފައެވެ.

އަނެއްކޮޅުން ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތުރީ ހުސްކޮށްލާފައި ދިން ބޯޅަ އެ ޓީމުގެ ޖަޔޭޝް ރާނޭއަށް ކޮންޓްރޯލު ނުކުރެވި ދިޔައީ ބޭކާރުވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ބަޝުންދަރާ އިން ކުރިއަށް ޖެހިގެން ކުޅެން ފަށައި 10 މިނެޓު ތެރޭ ލަނޑު ޖެހުމާ ވަރަށް ގާތަށް ޖެހިލިއެވެ. މެޗުގެ 55 ވަަނަ މިނެޓުގައި އޭރިއާތެެރެއިން ރޮބީނިއޯ ޖެހި ބޯޅަ ބެންގަލޫރުގެ ކީޕަރު ގުރްޕްރީތު ސިންހް ސާންދޫ ފައިން މަތަކުރި އިރު، އެ ބޯޅަ ގޯލަށް ވަންނަން ދިއުމުން ފަހަތަށް ކުޅޭ ރޯޝަން ވަނީ ސަލާމަތްކޮށްފައެވެ.

ފަހު ކޮޅުގައި ފުލުފުލުގައި ބެންގަލޫރުގެ އެޓޭކުތައް ފެނިގެންދިޔައެވެ. ބެންގަލޫރުގެ ކްލޭޓަން އާއި ޖަޔޭޝް ޖެހި ބޯޅަތައް ކީޕަރު ބަޝުންދަރާގެ ގޯލްކީޕަރު އަނީސުރް ވަނީ މަތަކޮށްފައެވެ. އަދި ފަހުން ގޯލު ކުރިމަތިން ޗެތުރީ މުޅިން ހުސްކޮށް އަރައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

އޭއެފްސީ ކަޕް ގްރޫޕު ޑީގައި މިރޭ މާޒިޔާ އާއި އޭޓީކޭ ކުޅޭ މެޗު ފަށާނީ 9:00 ގައެވެ.