ބަނގުރާ ބުއިކަމަށް އިއުތިރާފުވި ދިވެހި ފިރިހެނަކު ނުވަ ދުވަހަށް ޖަލަށް ލައި 40 އެތިފަހަރުން ޖަލްދު ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ކުރިމިނަލް ކޯޓުން ކޮށްފައިވާ އެ ހުކުމުގައި ބުނެފައިވަނި، ދިވެހި ފިރިހެނެއްގެ މައްޗަށް ކޮށްފައިވާ ބަނގުރާ ބުއިމުގެ ދައުވާއަށް އޭނާ އިއިތުރާފުވެފައިވަތީ ނުވަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް 40 އެތިފަހަރުން ޖަލްދު ކުރުމަށް ހުކުމް ކުރާ ކަމަށެވެ.

ޖަލްދު ކުރުމަކީ، ހަށިގަނޑަށް ނުރައްކާތެރި އަނިޔާ ނުލިބޭނޭ ގޮތެއްގެ މަތިން އަދަބެއް ރަމްޒުކޮށްދިނުމުގެ ގޮތުން، ހަންމުށިން ނުވަތަ ދުއްރައިން މީހެއްގެ ގައިގައި ތަޅާތެޅުމަކެވެ.

ޖަލްދު ކުރާހިނދު، އެ އަދަބަކަށް ހުއްދަ ކުރެވިގެންވާ ހުރިހާ އެތިފަހަރެއް ޖަހަންވާނީ އެކަކެވެ. އަދި ޖަލްދު ކުރާ މީހާގެ އަތުގެ ކުޑަހުޅު ނޫނީ ލަންބައިގެން ނުވާނެއެވެ. އަދި އޭނާގެ އަތުގެ މުލައްދަނޑިއަށް އެއްވެސް ބާރެއް ލައިގެން ނުވާނެއެވެ. ނުވަތަ ކޮނޑާއި އުނަގަނޑާއި ފުރަގަހާއި ފަޔާއި ފުންނާބުގެ ހަރަކާތެއްގެ ބާރު ބޭނުންކޮށްގެން ނުވާނެއެވެ.

ޖަލްދު ކުރުމުގެ އިތުރުން ނުވަ ދުވަހަށް އޭނާ ޖަލަށް ލުމަށް ހުކުމް ކުރި ނަމަވެސް ނުވަ ދުވަހަށް ވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކޮށްފައިވާތީ ޖަލު ހުކުމުގެ ބައި ދެން ތަންފީޒު ކުރަން ނުޖެހޭނެ ކަމަށް އިސްގާޒީ އަހުމަދު ޝަކީލް ކުރެއްވި ހުކުމުގައި ވަނީ ބުނެފައެވެ.