އެއްބަނޑު އެއްބަފާ ކޮއްކޮ ކިޔަވަން ގެންގުޅުނު ޓެބްލެޓް 300 ރުފިޔާއަށް ވިއްކާ ލިކަމަށް ދައްތަ އެއްބަސްވުމުން ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ ކުށަށް އިއުތިރާފުވުމުން ލ.ގަން ތުނޑި ރުގިއްޔާ އަމާނަތު 26. އ ގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކޮންމެ ދަރިވަރަކަށް ވެސް ދީފައިވާ ހުވާއީ ބްރޭންޑުގެ ޓެބްލެޓުތަކުގެ ތެރެއިން އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއަށް ލިބިފައިވާ ޓެބްލެޓް ނަގައިގެން ދަނިކޮށް، އެހެން މީހަކު އެ ޓެބްލެޓް 300 ރުފިޔާއަށް ވިއްކުމަށް އެދުމުން ވިއްކާލާފައިވާ ކަމަށް ބުނެ ރުގިއްޔާ ވަނީ ބަޔާން ދީފައެވެ.

އެކަން އޭނާ ކުރީ މަސްތުގެ ހާލަތުގައި ހުރެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ފަހުން ޓެބްލެޓް ގެއްލިގެން އޭނާގެ މަންމަ ސުވާލު ކުރުމުން ރަހުމަތްތެރިއެއްގެ އަތަށް ކުޅެލަން ދީފައިވާނެ ކަމަށް ރުގިއްޔާ ވަނީ ބުނެފައެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އޭނާގެ މަންމައެވެ.

އޭރު އެ އާއިލާ ދިރިއުޅެމުން ދިޔައީ ވިލިމާލޭގައެވެ. ފުލުހުންނަށް ރިޕޯޓު ކުރުމުން ފުލުހުން ވަނީ ޓެބްލެޓް ހޯދައިގެން ރުގިއްޔާ އަދި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ މަންމައާ ޓެބްލެޓް ހަވާލުކޮށްފައެވެ. ނަމަވެސް ރުގިއްޔާ ކުރި ކުށުގެ އަދަބު ދިނުމަށް މަންމަ ފުލުހުންނަށް ހުށަހެޅިއެވެ. އެއާއެކު މަންމަ ވަނީ ފުލުހުންނަށް ބަޔާން ވެސް ދީފައެވެ.

އެއްބަސްވުމުން މައްސަލަައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވުމުން ދައުވާ އުފުލުމުން ކޯޓު މަރުހަލާގައި ވެސް ރުގިއްޔާ ވަނީ އެ ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ބެއްލެވި ގާޒީ ދީބާނާޒް ފަހުމީ ވަނީ އެ މައްސަލަ އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތުގައި ނިންމައިފައެވެ.

މި އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު ކޯޓަށް ހުށަހެޅި އެ މައްސަލަ ނިންމައި ދެ މަހާއި 12 ދުވަހަށް ރުގިއްޔާ ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.