މާލެ ސިޓީ ކައުންސިލާއެކު މަސައްކަތް ކުރުމަށް ކޮންމެ ބްލޮކަކަށް ވެރިން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ބާއްވާ ގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

ބްލޮކް ވެރިންގެ އިންތިހާބު އަންނަ މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށްޓަކައި މިހާރު ވަނީ މި އޮގަސްޓް މަހުގެ 12 ވަނަ ދުވަހުން ފެށިގެން ބްލޮކް ވެރިޔާ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެ ފުރުސަތު ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

ބްލޮކް ވެރިޔާކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މީލާދީ ގޮތުން 18 ފުރިފައިވުމާއި ކުރިމަތިލާ ބްލޮކްގައި ދިރިއުޅޭ މީހެއް ކަމަށް ވުމާއި ވައްކަމާއި ޓެކުމާއި ފޭރުން ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތު ވެފައިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.

މީގެ އިތުރުން އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް ޖިންސީ އަދި ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތު ވެފައި ނުވުމާއި އެފަދަ މައްސަލައެއްގެ ތަހުގީގުގައި ބަންދުކުރެވިފައިވާ މީހެއް ކަމުގައި ނުވުމާއި ތަހުގީގު މަރުހަލާގައި ތަހުގީގުކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި ބަޔާންކޮށްފައިވާ ޖިންސީ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ސާބިތުވެފައި ވާނަމަ ހުކުމް ތަންފީޒުކުރެވުނުތާ ތިން އަހަރުވެފައިވުމާއި އިންތިހާބުކުރެވޭ އެހެން އެއްވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުމާއި މުސްތަގިއްލު މުއައްސަސާއެއްގެ ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން ވެސް ހިމެނެއެވެ.

ބްލޮކް ވެރިޔާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބުލޮކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ދިރިއުޅުމުގެ ހާލަތު އެނގުން އަދި ކައުންސިލުން އެދިއްޖެ ކޮންމެ ފަހަރަކު އެ މައުލޫމާތު ހިއްސާކުރުމާއި ބުލޮކުގައި ދިރިއުޅޭ މީހުން ދިރިއުޅެމުން އަންނަ ތަންތަނުގެ ފުރިހަމަ މައުލޫމާތު އެނގުމާއި ބުލޮކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހޯދައި އެކަން ހައްލު ކުރުމަށް އެކަމުގެ މައުލޫމާތާއި އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން ކައުންސިލަށް ހުށަހެޅުން ހިމެނެއެވެ.

ބުލޮކުގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކައުންސިލާ ހިއްސާކުރުމާއި ބުލޮކުގައި ދިރިއުޅޭ ފަރާތްތަކުގެ ތަރައްގީ އާއި ކުރިއެރުމަށް ކައުންސިލުން ހަވާލުކުރާ މަސައްކަތްކުރުމާއި ކައުންސިލުން ކުރިއަށް ގެންދަން ބޭނުންވާ ހިޔާލު ހޯދުމުގެ ސާވޭތައް ކުރުމުގައި އިސްވެ އެފަދަ ކަންކަމުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށް ދިނުން ވެސް މި މީހުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ބުލޮކުގައި ދިރިއުޅޭ ރައްޔިތުންގެ ލާބަ އާއި މަންފާއަށް މޭޔަރާއި ކައުންސިލަރުން އެދޭ ކަންކަމުގައި އެހީތެރިވެދިނުމާއި މާލޭ ސިޓީގެ ތަރައްގީއަށް ކައުންސިލުން ކުރާ ކަންކަމުގައި ބުލޮކުގެ ބައިވެރިވުން ފޯރުކޮށްދިނުމުގައި އިސްވެ މަސައްކަތް ކުރުމާއި ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ބުލޮކުގައި އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އެކަމުގައި ކައުންސިލަށް އެހީތެރިކަން ދިނުމަކީވެސް ބްލޮކްވެރިޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ބްލޮކް ވެރިޔާ ކަމަށް ކުރިމަތިލާ ފަރާތްތަކުން ބްލޮކް ވެރިޔާކަމަށް އެދޭ ފޯމާއި މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ ހުށަހަޅަން ޖެހޭނެއެވެ. އަދި ކުރިމަތިލާ ބްލޮކަށް ނިސްބަތްވާ 10 މީހަކު ސޮއިކޮށްފައިވާ ލިޔުމެއްވެސް ހުށަހަޅަންޖެހެއެވެ.