ފްރާންސް ލީގުގައި މިރޭ ޕީއެސްޖީން ބްރެސްޓާ ދެކޮޅަށް ކުޅޭ މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅޭނެ ކަމާ މެދު އަދިވެސް ވަކި ގޮތެއް ނުނިންމާ ކަމަށް ކޮޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

އުމުރުން 34 އަހަރުގެ މެސީ، ފައިނޭންޝިއަލް މައްސަލަތަކުގެ ސަބަބުން ބާސެލޯނާ ދޫކޮށް މި ސީޒަނަށް ޕީއެސްޖީއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގައެވެ. ޕީއެސްޖީއާއެކު ގިނަ ފަރިތަކުރުންތަކެއް މިހާރު މެސީ ފުރިހަމަ ކޮށްފައިވާއިރު، އެ ކްލަބުގެ ޖާޒީގައި އަދި ދަނޑުމަތީން ފެނިފައެއް ނުވެއެވެ. ހަ ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މެސީ އެންމެފަހުން ކުޅުނު މެޗަކީ އާޖެންޓީނާއާއެކު ކުޅުނު ކޮޕާ އެމެރިކާގެ ފައިނަލް މެޗެވެ.

"މެޗަށް ނެރޭނެ ސްކޮޑެއް އަދި ނުނިންމަން. ވަރަށް ރަނގަޅަށް އެސެސްކޮށްފަ ސްކޮޑުގައި މެސީ ހިމެނޭނެތޯ ބަލާނަން. ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް. މެސީ ވަރަށް އަވަހަށް ޕީއެސްޖީގެ މާހައުލަށް ފިޓް ވެ، ޓީމުގެ ހުރިހާ ކުޅުންތެރިންނާވެސް ގުޅިއްޖެ،" މިރޭގެ މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކޯޗު ޕޮޗެޓީނޯ ބުނެފައިވެއެވެ.

އެ ޕްރެސްގައި ޕޮޗެޓީނޯ ވަނީ ކިލިއަން އެމްބާޕޭ ރެއާލް މެޑްރިޑަށް ދާން އުޅޭކަމަށް ދެކެވެމުންދާ ވާހަކަތައް ދޮގު ކޮށްފައެވެ. އޭނާ ބުނެފައި ވަނީ އެމްބާޕޭއަކީ ޕީއެސްޖީއަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި ކޮންޓްރެކްޓްގައި އަދި އެއް އަހަރު ބާކީ އެބަ އޮތް ކަމަށެވެ. އުންމީދަކީ އެމްބާޕޭ އާ ކޮންޓްރެކްޓެއްގައި ސޮއިކުރުން ކަމަށްވެސް ޕޮޗެޓީނޯ ބުނެފައިވެއެވެ.

މެސީއާއެކު ޕީއެސްޖީން ވަނީ މިފަހަރުގެ ޓްރާންސްފާ ސީޒަންގައި ވަރުގަދަ އިތުރު ކުޅުންތެރިންތަކެއް ޓީމަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި އިޓަލީގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ އާއި ރެއާލް މެޑްރިޑްގެ ލެޖެންޑަރީ ޑިފެންޑަރު ސާޖިއޯ ރާމޯސް އަދި އިންޓާގައި ވިދާލި ލެފްޓް ބެކް އަޝްރަފް ހަކީމީ ހިމެނެއެވެ. ޕީއެސްޖީގެ މައިގަނޑު ޓާގެޓަކީ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގެއް ހޯދުން ކަމަށްވާއިރު، އެކަން ކުރުމަށް ވަރުގަދަ ސްކޮޑެއް މިހާރު އެބައޮތެވެ.

މިހާތަނަށް އެ ކުޅުންތެރިންގެ ތެރެއިން ޕީއެސްޖީގެ ޖާޒީގައި ދަނޑުމަތިން ފެނިފައިވަނީ ވައިނާލްޑަމް އާއި ހަކީމީއެވެ. ލަފާކުރެވޭ ގޮތުގައި މިރޭގެ މެޗުގައި ގޯލްކީޕަރު ޑޮނަރޫމާ ފެންނާނެއެވެ. މެސީ ބެންޗުން ފެނުން ގާތް ނަމަވެސް ރާމޯސް އަދި ހުރީ އަނިޔާގައެވެ.