ޚަބަރު

ހިޔާނާތުގެ ދިގު ލިސްޓުން ރައީސް ސޯލިހަށް ފެނިވަޑައިގަތީ ހަމައެކަނި ރައީސް ޔަމީނުގެ ނަންފުޅު: ޝިޔާމް

އެމްއެމްޕީއާރުސީ ހިޔާނާތުގެ ދިގު ލިސްޓުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަތީ ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަންފުޅު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގދ. ގައްދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު ވަރަށް ދިގު ކަމަށާއި ނަމަވެސް މުއައްސަސާތަކުން ދުވަނީ ހަމައެކަނި ރައީސް ޔާމީންގެ ފަހަތުން ކަމަށެވެ.

"އެމްއެމްޕީއާރުސީގެ ލިސްޓު ތިބޭފުޅުން ދެކިވަޑައިގަންނަވާނެ. ހުރިހާ ބޭފުޅުންނަށް ވެސް ފެނިވަޑައިގަންނަވާނެ. އެމްއެމްޕީއާރުސީގެ ލިސްޓު ވަރަށް ދިގު. ނުހައްގުން، ނާއިންސާފުން، ވަކި ގޮތަކަށް ރައީސް ޔާމީނާ ދޭތެރޭގައި ކަންތައް ކުރާ ވާހަކަ އަޅުގަނޑު މިދަންނަވަނީ މިހެންވެގެން. އެއޮތް ދިގު ލިސްޓުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު އެކަނި. 300 އެއްހާ މީހުންގެ ލިސްޓުގައި އޮތް އެއްވެސް މީހެއްގެ ފަހަތުން އެސެޓް ރިކަވަރީ ކޮމިޝަނުން ދުވޭތޯ؟، ފުލުހުން ދުވޭތޯ؟، ކޯޓުތައް އެބަ ދުވޭތޯ؟، ޕްރޮސެކިއުޓާ ޖެނެރަލް އެބަ ދުވޭތޯ؟، ނުދުވޭ. ރައީސް ޔާމީން ފަހަތްޕުޅުން އެކަނި މިދުވަނީ،" އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓެއްގައި ރައީސް ޔާމީން ބެހެއްޓެވީ ރައީސް ޔާމީން އަމިއްލަފުޅަށް އެ ފައިސާގެ ހަގީގަތް ހޯދުމަށް ކަމަށާއި އެ ފައިސާ އެސްކްރޯ އެކައުންޓުގައި ބެހެއްޓީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސް ސޯލިހު ވަޑައިގެން ނޫން ކަމަށެވެ.

"ދައުލަތާ އެކީގައި ހެދިފައި އޮތް އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ އެމަނިކުފާނުގެ ޒައާމަތުން ފެށިގެން އެހުރީ ބަހައްޓާފައި. އެމަނިކުފާނުގެ އެކައުންޓަށް އައިސްފައި ހުރި ފައިސާއެއްގެ ހަގީގަތް ދެނެގަތުމަށްޓަކައި އެމަނިކުފާނުގެ ވެރިކަމުގައި އެކަންތައްތައް ތަހުގީގުކުރަން ނުވަތަ އެކަންތައްތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި އެމަނިކުފާނު ހަވާލުކުރެއްވީ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެން ކުރެއްވި ކަމެއް ނޫން. އެމަނިކުފާނު އަމިއްލައަށް އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓެވީ،" އޭނާ ވިދާޅުވިއެވެ.

މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ. މަނީ ލޯންޑާ ކޮށްގެން ރައީސް ޔާމީން ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުންވެސް ވަނީ ދަމަހައްޓައިފައެވެ.

މި މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާވެސް ވަނީ ކޮށްފައެވެ.

މީގެ އިތުރުން ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ރުފިޔާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ކުރިއަށް ގެންދިޔަ ތަހުގީގާ ގުޅިގެންވެސް ރައީސް ޔާމީން ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.