ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ލިބެން ހުއްޓައި ރާއްޖެއިން ބޭރުން އެތަކެތި އެތެރެކުރާ ނަމަ ޓެކްސްއެއް ނަގަން މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ، ކަނޑޫދޫ ދަނޑުވެެރިންނާއެކުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މިއަދު ހަވީރު ކަނޑޫދޫގެ ބަނދަރު ސަރަހައްދުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ދަނޑުވެރިކަން ކުރުމަށް މިހާރު ފުރުސަތު އޮތް ކަމަށާއި އެކަމަށް ޑިމާންޑް ވެސް އެބައޮތް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯނެޓްގައި ބައިވެރިވުމުގެ މުހިންމުކަން ފާހަގަކުރައްވައި އެގްރޯނެޓް މެދުވެރިކޮށް ދަނޑުވެރިންނަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ދަނޑުވެރިން ވަނީ ދަނޑުވެރިކަމަށް ރާއްޖެ އެތެރެކުރާ ކެމިކަލުން ކުރިން ނަގަމުން އައި ޑިއުޓީ ކަނޑާލި ނަމަވެސް އޭގެ ފައިދާއެއް ދަނޑުވެރިންނަށް ނުކުރާ ކަމަށާއި އޭގެ ފައިދާ ކުރަނީ ވިޔަފާރިވެރިންނަށްކަން ފާހަގަކޮށްފައެވެ. އަދި ކަނޑުދޫގެ ދަނޑުވެރިން ވަނީ އެގްރޯނެޓް ސްކީމްގައި މިރުސް ނުހިމެނޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން ދަނޑުވެރިން ވަނީ ދަނޑުވެރިކަން ކޮށްގެން އުފައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތަކަށް މާކެޓުގައި ހަމައަގު ލިބޭނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމުކޮށްދިނުމަށް ވެސް ރައީސްގެ އަރިހުގައި ދަންނަވައިފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަނޑޫދޫގެ ދަނޑުތަކުގައި ކޮންމެވެސް ވަރަކަށް މަސައްކަތްކުރާކަން ފާހަގަކުރަމުން ދަނޑުވެރިން ވަނީ އެމީހުން ފަސޭހަގޮތަކަށް އަލުން އަނބުރާ ރެގިއުލަރައިޒް ކުރެވޭނެ މަގެއް ފަހިކޮށްދިނުމަށް ވެސް ރައީސްގެ އަރިހުގައި ދަންނަވައިފައެވެ.
މިކަމާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ ދަނޑުތަކުން އުފައްދާ ތަކެއްޗަށް ހަމަ އަގު ހޯދައިދިނުމުގެ ގޮތުން ރާއްޖޭގައި ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފައްދާ ތަކެތި ލިބެނިކޮށް ބޭރުން އެފަދަ ތަކެތި އެތެރެކުރާ ނަމަ ޓެކްސްއެއް ނެގުމަށް ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އެމަނިކުފާނު ވަނީ ބިދޭސީން ރެގިއުލަރައިޒް ކުރެވޭނެ މަގުފަހިކޮށްދެއްވާނެ ކަމަށާއި ދެން ދަނޑުވެރިން ހުށަހަޅާފައިވާ ކަންކަމުގައި މަޝްވަރާކޮށްގެން ރަނގަޅު ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.