އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވަނީ އެންމެ އަށް މައްސަލައެވެ.
އެ ކޮމިޝަނުން މިއަދު ވަނީ ތަހުގީގުކުރާ މައްސަލަތަކުގެ ތެރެއިން މި އަހަރުގެ ޖެނުއަރީން ފެށިގެން ޖޫންގެ ނިޔަލަށް ޕީޖީ އޮފީހަށް ފޮނުވި މައްސަލަތަކުގެ ތަފުސީލު އާއްމުކޮށްފައެވެ.
އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އޭސީސީން ޕީޖީއަށް ފޮނުވާފައިވަނީ އެންމެ ތިން މައްސަލައެވެ. އެ ހުރިހާ މައްސަލައެއްވެސް ޕީޖީއަށް ފޮނުވާފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
އެ މައްސަލަތަކަކީ "ގެދޮރުވެރިކުރުވުން" ޕްރާގްރާމުގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ފުލެޓު ދޫކުރުމުގައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި، ހައްގު ނޫން ފަރާތްތަކަށް ފުލެޓު ދީފައިވާ ކަމަށް ބުނާ މައްސަލަ އާއި ވެމްކޯއަށް ހެވީ ވެހިކަލް ހޯދުމަށް ކޮށްފައިވާ އިއުލާނުގައި ވެހިކަލުތައް ހަތް ދުވަހުގެ ތެރޭގައި ޑެލިވަރީ ކުރަންޖެހޭނެ ކަމަށާއި ނަމަވެސް ވެހިކަލުތައް ޑެލިވަރީ ކުރުމަށް ހަތް ދުވަސް ދީފައިވަނީ ވަކި ކުންފުންޏަކުން ވެހިކަލް އެތެރެކޮށްފައިވާތީ ކަމަށާއި އެއީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުން ކަމަށް ބުނާ މައްސަލައެވެ.
މީގެ އިތުރުން އެސްޓީއޯ އިން 2016 ވަނަ އަހަރު އިމްޕޯޓުކުރި ޕްރޮކޯ ބޭހުގެ ބެޗްގެ ބޮޑު ބައެއް 2018 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ އިރު، އެ ކުންފުނިން އެ ބޭހުގެ އިތުރު ބެޗެއް ޑިސެންބަރު 2018ގައި އޯޑަރުކޮށްފައިވާ ކަމަށް ބުނާ މައްސަލައެވެ.
މި އަހަރުގެ ދެ ވަނަ ކުއާޓާގައި އޭސީސީން ޕީޖީއަށް ފޮނުވާފައިވަނީ ފަސް މައްސަލައެވެ. އެ ހުރިހާ މައްސަލައެއްވެސް އޭސީސީން ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވަނީ އޭޕްރީލް މަހުގެ ތެރޭގައެވެ.
އެ މައްސަލަތަކަކީ އއ. މަތިވެރީ ކައުންސިލުގެ އިދާރާގެ ޕިކަޕު މަރާމާތުކުރުމުގެ މަސައްކަތް، 2016 ވަނަ އަހަރުގެ ތެރޭގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އިއުލާނު ކުރުމަކާ ނުލައި، "ޒީސްކް މޯލްޑިވްސް" ގަރާޖާ އެ މަސައްކަތް ހަވާލުކޮށް، އެ ފަރާތަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް ބުނާ މައްސަލަ އާއި ރ. ރަސްމާދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޕިކަޕެއް ހޯދުމަށް އެރަށު ކައުންސިލުން 2016 ވަނަ އަހަރު ކޮށްފައިވާ އިއުލާނާ ގުޅިގެން، އެ ޕިކަޕް ގަތުމަށް ކައުންސިލުން ފައިސާ ނަގާފައިވީ ނަމަވެސް، ޕިކަޕު ގަނެފައި ނުވާ ކަމަށް ބުނާ މައްސަލައެވެ.
މާލޭގެ ގޯއްޗެއް ބަހައިގެން އެ ގޭގެ މިލްކުވެރިންގެ ތެރެއިން އެއް ފަރާތަށް ލިބިފައިވާ ބިންކޮޅު ދޫކޮށްލުމާ ގުޅިގެން އެ ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހައުސިން މިނިސްޓްރީން ހުޅުވާލުމުން އެ ބިމާ އިންވެގެން އޮތް ބިން ލިބުނު ފަރާތުން އެ ބިން ގަތުމަށް ހުށަހެޅި ނަމަވެސް ސަރުކާރުން އެ ބިން ވިއްކާފައި ވަނީ އެ ބިމާ ދުރުން ބިން ލިބިފައިވާ ފަރާތަކަށް ކަމަށާއި އަދި އެ ބިން ވިއްކުމަށް ނިންމާފައިވަނީ އެ މިނިސްޓްރީގެ ނައިބު ނާއިފް ޝައުކަތާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރު ހަސަން ވަހީދު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ބުނާ މައްސަލަވެސް ވަނީ ޕީޖީއަށް ފޮނުވައިފައެވެ.
މީގެ އިތުރުން ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ދެ ފާހާނާއެއް ހެދުމުގެ މަސައްކަތް މާލިއްޔަތު ގަވާއިދާ ހިލާފަށް އަދި އެ މަރުކަޒުގެ މުވައްޒަފެއްގެ ކުންފުންޏަކާ ހަވާލުކޮށްގެން ކޮށްފައިވާ ކަމަށް ބުނާ މައްސަލަ އާއި ގއ. ނިލަންދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 2019 ވަނަ އަހަރު ކުރީކޮޅު ކޮށްފައިވާ އިއުލާނާ ގުޅިގެން އެކަމަށް އެދި ތިން ފަރާތަކުން ހުށަހެޅިއިރު، ސްކޫލުގެ ޕްރިންސިޕަލުގެ އާއިލާގެ މެންބަރަކަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް ބުނާ މައްސަލަވެސް ވަނީ ޕީޖީއަށް ފޮނުވައިފައެވެ.
އޭސީސީން މިއަހަރު ދެ ބައިވިއިރު ދައުވާ ކުރުމަށް ފޮނުވާފައި މިވަނީ އެންމެ އަށް މައްސަލައެވެ. މިއީ އެ ކޮމިޝަނުން މައްސަލަތައް ނިންމައި، ދައުވާ ކުރަން ފޮނުވާ ރޭޓާ ބަލާފައި މަދު އަދަދެކެވެ. އެ ކޮމިޝަނުން ކުރިން ބުނި ގޮތުގައި މިއަހަރުގެ ތެރޭގައި 35 މައްސަލައެއް ދައުވާ ކުރަން ފޮނުވާނެއެވެ.
ޚަބަރު
ޚަބަރު