ޚަބަރު

ފުނައްޑޫ ގެ މަސައްކަތް އަލުން ފެށުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

އަލީ ޔާމިން

ތ. ފުނައްޑޫން މަސްވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއެކު އެރަށް އަލުން އޮޕަރޭޝަނަލް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ތ. އަތޮޅުގެ ހަތް ރަށަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ވަންދުއަށް ވަޑައިގެން އެރަށުގެ މަސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ދިމާވި ދަތިތައް އިތުރަށް ބޮޑު ނުވެ ހިފަހައްޓައިލެވުނީ މަސްވެރީން ކުރި މިންނެތް މަސައްކަތުންކަން ފާހަގަކުރައްވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވަންދޫ މަސްވެރީންނަށް ދިމާވާ ދަތިތަކާއި ބޭނުންވާ ކަންކަން އޮޅުންފިލުއްވާފައެވެ. މިގޮތުން މަސްވެރިން އެންމެ ބޮޑަށް ފާހަގަ ކޮށްފައި ވަނީ މަހަށް ހަމަ އަގު ނުލިބޭ މައްސަލައާއި މަސްކިރުމުގައި ދިމާވާ ދަތިތަކުގެ ވާހަކައެވެ. މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަހަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ވިސްނާފައިވާ ގޮތް ހާމަކުރައްވާފައެވެ. މިގޮތުން، ރާއްޖޭގެ އެކި ހިސާބުގައި ހުރި ކަނދުފަތިތައް އިތުރުކުރުމުގެ މަސައްކަތާއި މިފްކޯ ތަރައްގީކޮށްގެން ފަސޭހައިން އަވަހަށް ހަމަ އަގުގައި މަސްކިރުވޭނެ ގޮތްތަކެއް ފަހިކުރައްވަން ސަރުކާރުން މަސައްކަތްކުރާކަމުގައި ވިދާޅުވިއެވެ. އަދި ތ. ފުނައްޑޫއިން މަސްވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއެކު އެރަށް އަލުން އޮޕަރޭޝަނަލް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށް ފަހު އެމަނިކުފާނު ވަނީ ރަށު ކައުންސިލް އިދާރާއަށާއި ވަންދޫ ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ.