ރާއްޖޭގެ ދަރަނީގެ ހާލަތު އިތުރަށް ގޯސްވެ، ދަރަނި އަދާ ނުކުރެވުމުގެ ފުރުސަތު ބޮޑު ކަމަށް ބަލައި މޫޑީސް އިންވެސްޓާސް އިން ރޭޓިން އަނެއްކާވެސް ދަށްކޮށްފިއެވެ.

ޕީރިއޮޑިކް ރިވިއުގައި ރާއްޖޭގެ "ފިސްކަލް ސްޓްރެންތު" ނުވަތަ މާލީ ގާބިލުކަމަށް މޫޑީސް އިން އެންމެ ފަހުން ދީފައިވަނީ "ބީ1" ރޭޓިންއެވެ. ނަމަވެސް މިފަހަރު ރޭޓިން ކޮށްފައިވާ އިރު، ރާއްޖެ ވަނީ ''ސީއޭއޭ1'' އަށް ދަށްކޮށްފައެވެ. އަދި ދެކޭ ގޮތް ވަނީ ''ސްޓޭބަލް'' އިން ''ނެގަޓިވް'' އަށް ބަދަލުކޮށްފައެވެ.

މޫޑީސް އިން ބުނީ، ދަރަނި މަތިވަމުން ދިއުމުގެ ސަބަބުން ކުރިން އެ އެޖެންސީން ލަފާ ކުރި ވަރަށްވުރެވެސް ރާއްޖޭގެ ހާލަތު ގޯސް ކަމަށެވެ. އެގޮތުން ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ދަރަނި އިތުރު ވެފައިވާ އިރު، ކުރިއަށް އޮތް އަހަރުތަކުގައި ބޮޑު ފިސްކަލް ޑެފިސިޓެއް ކުރިމަތިވާނެ ކަމަށްވެސް ބުންޏެވެ. އަދި ދަރަނި ދެއްކުމަށް ދަތިތަކަކާ ކުރިމަތިވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

މި ރޭޓިންއާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ މޫޑީސް އިން ރާއްޖޭގެ އިގުތިސޯދަށް އައިސްފައިވާ ކުރިއެރުމާއި ވޭތުވެ ދިޔަ މަސްތަކުގެ ތެރޭގައި ދަރަނީގެ ހާލަތަށް އައިސްފައިވާ ބަދަލަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ މެދުތެރޭގައި ރާއްޖޭގެ އިގުތިސާދު އޮތް ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް މިހާރު އާދެވިފައިވާ ކަމަށާއި ޓޫރިޒަމް ވެސް ބޮޑުތަނުން ކުރިއަރައި، ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ، މިހާރުގެ ހާލަތަށް ބަލާ އިރު، އެއްވެސް ލޯނެއް ޑީފޯލްޓް ނުވެ، ބަރާބަރަށް ފައިސާ އަދާކުރުމުގެ ގާބިލިއްޔަތު ދިވެހި ސަރުކާރުގެ އެބަހުރި ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގެ ސަރުކާރުން ނަގާފައިވާ އެއްވެސް ލޯނެއް އަދާކުރުމުގައި ޑީފޯލްޓް ވެފައި ނުވާއިރު، ކުރިޔަށް އޮތް ތަނުގައިވެސް އެކަން އެގޮތަށް ދަމަހައްޓާނެ ކަމަށް ބުންޏެވެ.

ހުސްވި އަހަރު ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށާއި ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އައި އިގުތިސޯދީ ހީނަރުކަމުގެ އަސަރު ކުޑަކުރަން ސަރުކާރުން ގިނަ ލޯނުތަކެއް ނެގި އެވެ. އެކަމުގެ ސަބަބުން 2020 ވަނަ އަހަރު ނިމުނު އިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 115 ޕަސެންޓުގައެވެ.

ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު ދަރަނި 103 ޕަސެންޓަށް ތިރިވެފައިވަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުންޏެވެ. ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ދަށްވި ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު، ދަރަނި ވަނީ ތިން ޕަސެންޓް އިތުރުވެފައިވެ އެވެ. އެގޮތުން ގެރެންޓީ ދަަރަނި ހިމަނައިގެން ބަލާނަމަ ޖުމުލަ ދަރަނި 82.8 ބިލިއަން ރުފިޔާ އަށްވުރެ މައްޗަށް އަރައެވެ.