ޚަބަރު

ކޮޅުމަޑުލުގައި ފަތުރުވެރިކަމާއި މަސްވެރިކަން ތަރައްގީކުރުމަށް ރައީސްގެ ހާއްސަ ޕްލޭންތަކެއް

އަލީ ޔާމިން

ތ. އަތޮޅުގައި ފަތުރުވެރިކަމާއި މަސްވެރިކަން ތަރައްގީކުރުމަށް ސަރުކާރުން ގިނަ ޕްލޭންތަކެއް ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކޮޅުމަޑުލުގެ ހަތް ރަށަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވޭމަންޑުއަށް ވަޑައިގެން އަތޮޅު ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކޮޅުމަޑުލު އަތޮޅު ކައުންސިލުން ވަނީ އެ އަތޮޅުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި އަތޮޅުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސަށް ދަންނަވައިފައެވެ.

އަތޮޅު ކައުންސިލުން ވަނީ ތ. އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާއިންނާއި ސިނާއީ އެކިއެކި މަސައްކަތްތައް މެދުވެރިކޮށް އިގުތިސޯދީ ހަރާކާތްތައް އިތުރުކުރެވޭނެ މަގު ފަހިކޮށްދެއްވުމަށް ދަންނަވައިފައެވެ. އަދި، އަތޮޅުގައި ހިމެނޭ ފަޅު ރަށްތަކުގެ ބެލެނިވެރި ފަރާތެއް ކަނޑައަޅުއްވައިދެއްވުމަށާއި އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބޭންކިން ނިޒާމެއް ގާއިމުކުރުމަށް ތ. އަތޮޅުން ޝައުގުވެރިވާކަން އަތޮޅު ކައުންސިލުގެ ރައީސް ވަނީ ފާޅުކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ އެ އަތޮޅުގެ ތަރައްގީއަށް ކުރިއަށް ގެންދަވާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވައިފައެވެ. އަދި އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިގޮތުން އެމަނިކުފާނު ވަނީ ތ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށާއި މަސްވެރިކަން ތަރައްގީކުރުމަށް ސަރުކާރުން ވިސްނުން ގެންގުޅޭ ކަމަށް ވިދާޅުވެފައެވެ. ފަޅު ރަށްތަކުގެ މައްސަލައިގައި އެމަނިކުފާނު ވިދާޅުވީ މިހާރު ސަރުކާރުން ކުރަން ވިސްނާފައިވާ މަސައްކަތަކީ ފަޅު ރަށްތަކުގެ ފުރިހަމަ ދަފްތަރެއް އެކުލަވައިލުން ކަމަށެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ ތ. އަތޮޅު ހޮސްޕިޓަލަށާއި ވޭމަންޑޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވައިލައްވައިފައެވެ. ރައީސް މިހާރު ވޭމަންޑުއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލެވެ. ރައީސްގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފުދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.