ހެއްކާ ބެހޭ ގާނޫނުގެ އާ ބިލެއް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލައި ރައީސް އޮފީހަށް މިއަދު ފޮނުވައިފިއެވެ.
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު އަމަލުކުރަމުން ގެންދާ 1976 ގެ ހަތް މާއްދާގެ މައްޗަށް އެކުލެވޭ ހެއްކާބެހޭ ގާނޫނުގެ ބަދަލުގައި، ގާނޫނުގެ ރައްކާތެރިކަން ޔަގީންކޮށްދިނުމަށްޓަކައި ޒަމާނާ އެކަށީގެންވާ އުސޫލުތައް އެކުލެވޭ ހެއްކާބެހޭ ބިލެއް ރަައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ރައީސް އޮފީހަށް ފޮނުވި އާ ބިލުގެ ބައެއް މުހިންމު ބައިތައް އޭޖީ މިއަދު ވަނީ އާންމު ކުރައްވައިފައެވެ. ނަމަވެސް މުޅި ބިލު އާންމު ކުރައްވައިފައެއް ނުވެއެވެ.
ބިލުގައިވާ ގޮތުން ހެއްކާ ބެހޭ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ މައިގަނޑު އެއް އަސާސް ކަމުގައިވާ ހެކީގެ އުސޫލުތައް ބަޔާންކުރާ ތަފްސީލީ އަދި ޒަމާނީ ގާނޫނީ އޮނިގަނޑެއް ތައާރުފުކުރުން ކަމަށެވެ.
ބިލުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި، ހެކި ހުށަހެޅުމާއި، ބަލައިގަތުމާއި، ވަޒަންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، އެނޫންވެސް ހެއްކާބެހޭ އާންމު އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅާފައިވާނެ ކަމަށްވެސް ބިލުގައިވެއެވެ.
ބިލުގައި ހެކީގެ ބާވަތްތައް ވެސް ކަނޑައަޅާފައިވެއެވެ. އެއީ ޝަފަހީ ހެއްކާއި ކިތާބީ ހެކި އަދި މާއްދީ ހެއްކެވެ.
ޝަފަހީ ހެއްކަކީ ހެކިބަސް ދޭ މީހާ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ހުރެ، އެ މަޖިލީހުގައި އަނގަބަހުން ދޭ ބަޔާނެވެ. އަދި ކިތާބީ ހެއްކަކީ ގާނޫނު ގަބޫލުކުރާ ހެކި ކަމުގައި ކަނޑައަޅާފައިވާ ވަކި ވާގިއާއެއް ވުޖޫދުގައި އޮތްކަން ހެކިކޮށްދޭ ލިޔުމެވެ.
ކިތާބީ ހެކި ހުށަހެޅޭނީ އަންނަނިވި ދެ ގޮތުގެ ތެރެއިން ގޮތަކަށެވެ. އެއީ ފުރަތަމަ ދަރަޖައިގެ ކިތާބީ ހެކީގެ ގޮތުގައި ޝަރީއަތަށް ހުށަހަޅާ ލިޔުމެއްގެ އަސްލެވެ. ދެވަނަ ދަރަޖައިގެ ކިތާބީ ހެއްކަކީ ބައެއް އިސްތިސްނާ ހާލަތްތަކުގައި މެނުވީ ޝަރީއަތަށް ބަލައިނުގަނެވޭ ހެއްކެވެ.
މާއްދީ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ ކިތާބީ ނުވަތަ ޝަފަހީ ހެއްކަށް ނުވާގޮތުގައި ހުށަހަޅާ މާއްދީ އެއްޗެކެވެ. ނުވަތަ ފޮރެންސިކް ހެއްކެއް އަދި ވަކި މެޝިނަކުން ވަކި ގޮތަކަށް ނެރެދޭ ނަތީޖާ ނުވަތަ ލިޔުން ނުވަތަ ލޮގެވެ. ފިލްމާއި، ޓޭޕާއި، ފޮޓޯ އާއި އެފަދަ އެއްޗެއްސަކީވެސް މާއްދީ ހެއްކެވެ.
އޭގެ އިތުރުން ސައިންޓިފިކް ދަލީލުތަކާއި ތަހުލީލުތަކުގެ ނަތީޖާ އާއި ކޯޓުގައި ހަދާ ނުވަތަ ދައްކާ ޑެމޮންސްޓްރޭޝަންތަކާއި އެކްސްޕެރިމަންޓުތަކާއި ގްރާފްތަކާއި ޗާޓުތައް އަދި މެޝިން ބޭނުންކޮށްގެން ހަދާ ނުވަތަ ދައްކާ އެއްޗެއްސަކީވެސް މާއްދީ ހެއްކެވެ.
ހެކިބަސް ނެގުމުގެ މަރުހަލާތައް ބެހިގެން ވަނީ ތިން ބަޔަކަށެވެ. ފުރަތަމަ މަރުހަލާއަކީ އެގްޒެމިންކުރުމުގެ މަރުހަލާއެވެ. މިއީ މައްސަލައިގައި ހެކިބަސްދޭ މީހާއާ އެ މީހާ ހުށަހެޅި ފަރާތުން ސުވާލުކުރުމުގެ މަރުހަލާއެވެ.
ދެވަނަ މަރުހަލާއަކީ ކްރޮސް-އެގްޒެމިންކުރުމުގެ މަރުހަލާއެވެ. މި މަރުހަލާއަކީ އެގްޒެމިނަކުރުމުގެ މަރުހަލާ ނިމުމުން، ހެކިބަސްދޭ މީހާ ދިން ހެކިބަހުގެ މައްޗަށް، އެ މީހާ އާ މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން ސުވާލުކުރުމުގެ މަރުހަލާއެވެ.
ތިން ވަނަ މަރުހަލާއަކީ ރީ-އެގްޒެމިންކުރުމުގެ މަރުހަލާއެވެ. މިއީ ކްރޮސް-އެގްޒެމިންކުރުމުގެ މަރުހަލާ ނިމުމުން، މައްސަލައިގައި ހެކިބަސްދޭ މީހާ ހުށަހެޅި ފަރާތުން އެ މީހާއާ އަލުން ސުވާލުކުރުމުގެ މަރުހަލާއެވެ.
ބިލުގެ ތިންވަނަ ބައިގެ ދަށުން، ހެކި ވަޒަންކުރުމުގެ ބައެއް އުސޫލު ވަނީ ތަފްސީލުކޮށްފައެވެ. އެގޮތުން ރައުޔުގެ އުސޫލާއި، އިހުތިމާލުގެ އުސޫލާއި ނާދިރުވުމުގެ އުސޫލާއި އަދި އިތުބާރުގެ އުސޫލާގުޅޭ ހަމަތައް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި އިވުނު ކަމަށް ބުނާ ހެކީގެ ތެރެއިން ޝަރީއަތަށް ބަލައިގަނެވޭ ހެއްކާއި އެއިން ހެއްކެއް ޝަރީއަތަށް ބަލައިގަނެވިދާނެ ހާލަތްތައް ބިލުގައި ތަފްސީލުކޮށްފައިވެއެވެ.
މި ބިލް ގާނޫނަކަށް ވުމާއެކު މިހާރު އަމަލު ކުރަމުންދާ ހެއްކާ ބެހޭ ގާނޫނާއި އަންހެނުންގެ ހެކި ބަހުގެ ގާނޫނު އުވިގެންދާނެއެވެ.