އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އިން އެ ގައުމުގެ ބެންގަލޫރު އެފްސީ ބަލިކޮށްފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުގައި މޯހަން ބަގާންއިން ބެންގަލޫރު އެފްސީ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިފަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެމުންދާ އިރު، މި ރީޖަންގެ ޓީމުތައް ހިމެނޭ ގްރޫޕް ޑީގެ މެޗުތައް ކުޅޭނީ ރާއްޖޭގައެވެ. މެޗުތައް ކުޅޭނީ ސަޕޯޓަރުން ނުވައްދައެވެ.
އިންޑިއާ ފުޓުބޯޅައިގެ ގަދަ ދެބާރު ކަމަށްވާ އޭޓީކޭ މޯހަން ބަގާންއާއި ބެންގަލޫރު އެފްސީ މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން، 2019 ވަނަ އަހަރަށްފަހު ބެންގަލޫރަށް މޯހަން ބަގާންގެ މައްޗަށް ކުރި ހޯދިފައެއް ނުވެއެވެ. އެ ސިލްސިލާ ނިންމަން ބެންގަލޫރުން ނުކުތީ އެޓީމުގެ އޭއެފްސީ ކަޕް ތަޖުރިބާގެ އަލީގައެވެ. ފަސް މަސް ކުރިން ނިމުނު އިންޑިއަން ސުޕަ ލީގުގައި މޯހަން ބަގާންއާއި ބެންގަލޫރު އެފްސީ ކުޅުނު ދެ މެޗުންވެސް މޮޅުވީ މޯހަން ބަގާންއެވެ. ފުރަތަމަ މެޗުން އޭޓީކޭ މޯހަން ބަގާން 1-0 އިން މޮޅުވެފައިވާ އިރު، ދެވަނަ މެޗުން އެޓީމު މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
2016 ވަނަ އަހަރު އޭއެފްސީ ކަޕް ފައިނަލް ކުޅުނު ބެންގަލޫރު އެފްސީން މި ސީޒަނަށް އިޓަލީގެ މާކޯ ޕެޒައޫލީގެ ކޯޗުކަމުގައި މުޅިން އާ ވިސްނުމަކުން ނުކުމެފައިވާ އިރު، ޕެޒައޫލީގެ ނަޒަރުގައި މެޗަށް ނުކުތްއިރުވެސް ފެވަރިޓުންނަކީ މޯހަން ބަގާންއެވެ. ބެންގަލޫރުން މެޗަށް ނެރުނު ފުރަތަމަ އެގާރަ އަކީ މީގެ ދެ ދުވަސް ކުރިން ޕްލޭއޮފްގައި ރާއްޖޭގެ އީގަލްސް ބަލިކުރި މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރަ ކުޅުންތެރިންނެވެ.
ބެންގަލޫރާއި އޭޓީކޭގެ ފުރަތަމަ އެގާރައިގައި ވެސް އިންޑިއާ ގައުމީ ޓީމަށް ނިސްބަތްވާ ގިނަ ކުޅުންތެރިން ހިމެނެއެވެ. މެޗު ފަށައިގެން އޭޓީކޭ އިން ކުރިއަށް ޖެހިގެން ޕްރެސްކޮށްގެން ކުޅެން ފެށި ނަމަވެސް ލިބޭ ފުރުސަތުތަކުގައި ޖާގަ ހޯދައިގެން ބެންގަލޫރުން ވެސް ދިޔައީ އެޓޭކްކުރަން މަސައްކަތް ކުރަމުންނެވެ.
އޭޓީކޭ އިން މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ މެޗުގެ 20 ވަނަ މިނިޓުގައެވެ. އޭއެފްސީ ކަޕާ ދިމާކޮށް އޭޓީކޭ އިން ގެނައި ފްރާންސްގެ މިޑްފީލްޑަރު ހޫގޯ ބޯމަސް ބެންގަލޫރުގެ ޑިފެންސް ތެރެއިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ މަތީ ކަނަށް އަމާޒުކޮށްލަން ޖެހި ބޯޅަ ބެންގަލޫރުގެ ކީޕަރު ގުރްޕްރީތު ސިންހު ސަންދޫ ވަނީ މަތަކޮށްފައެވެ. ގްރަޕްރީތަކީ އިންޑިއާ ގައުމީ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރެވެ.
އޭގެ ފަހުން އޭޓީކޭގެ ކްރިޝްނާ ހުރަސްކޮށްލި ބޯޅަ އޭރިއާތެރެއިން ބޯމަސް ފޮނުވާލުމުން މަތަކުރީވެސް ބެންގަލޫރުގެ ގޯލްކީޕަރު ގުރްޕްރީތެވެ.
ގޯލެއް ނުޖެހި ހާފު ނިމެން ދަނިކޮށް މެޗުގެ 39 ވަަނަ މިނެޓުގައި އޭޓީކޭ އިން ލީޑު ނެގިއެވެ. ކޯނަރެއްގައި އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ އޭޓީކޭގެ އަޔަލެންޑް ކުޅުންތެރިޔާ ކާލް މެކްހިއު ބޮލުން ޖައްސާލުމުން ގޯލު ކުރިމަތީގައި ހުރި ކްރިޝްނާ ވަނީ ބޮލުން ގޯލުގެ ތެރެއަށް އެ ބޯޅަ ފޮނުވާލައިފައެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މިނިޓެއް ވެސް ނުވަނިސް އޭޓީކޭ އިން ވަނީ ދެ ވަނަ ގޯލެއް ޖަހައިފައެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން ސުބަޝިސް ބޯސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އޭނާ އަކީ ކުރިން އޭއެފްސީ ކަޕްގައި ބެންގަލޫރަށް ވެސް ކުޅުނު ކުޅުންތެރިއެކެވެ. ބޯސްއަކީ އިންޑިއާ ގައުމީ ޓީމުގެވެސް މުހިއްމު ކުޅުންތެރިއެކެވެ.
ގްރޫޕް ޑީގައި މިރޭ ކުޅޭ މެޗުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ނުކުންނާނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއާ ދެކޮޅަށެވެ. މެޗު ފަށާނީ 9:00 ގައެވެ.
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް