އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އޭނާ ޝަރުތު ހަމަނުވާ ކަމަށް ނިންމި ނިންމުން މުރާޖާކޮށްދިނުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެދިވަޑައިގެންފިއެވެ.

މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އޭނާ ޝަރުތު ހަމަނުވާ ކަމަށް ނިންމި ނިންމުން މުރާޖާކޮށްދިނުމަށް އެދި އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑަށްވެސް ބުނަން ޖެހިފައި މިއޮތީ 2017 ގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަ، އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ،" މަހުލޫފް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވައި، މަހުލޫފު ވަނީ ފޯމު ހުށަހަޅުއްވައިފައެވެ.

ނަމަވެސް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގު ސޮއިކުރައްވައި މަހުލޫފަށް މިދިޔަ ހޯމަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނީ އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް ޝަރުތު ހަމަވާ ފަރާތްތައް ބެލުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ފޮނުވުމުން އޭގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަހުލޫފުގެ މައްސަލައެއްވާ ކަމަށް އަންގާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މަހުލޫފު އިއްޔެ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމަށާއި މަޖިލިސް މެންބަރުކަމުގެ އިތުރުން ކައުންސިލް އިންތިހާބުގައި ވާދަކުރެއްވުމަށްވެސް އޭނާގެ ޝަރުތު ހަމަވާ ކަމަށެވެ. އަދި ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނުމުގެ ފުރުސަތު ލިބިފައި، ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.

ޖިނާއީ ކުށެއް ސާބިތު ނުވާ ހިނދަކު ކޮންމެ އިންތިހާބެއްގައި ވެސް ވާދަކުރެވެން ޖެހޭނެކަން ފާހަގަކޮށް މަހުލޫފު ވިދާޅުވީ، އޭނާއަށް ގެއްލިފައިވާ ހައްގު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، މިއީ އެމްއެމްޕީއާރުސީގެ ފައިސާއިން މަންފާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުމުން ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށާއި މިއީ ސިޔާސީ ކަމެއް ކަމަށެވެ. އަދި އެމްޑީޕީއަށްޓަކައި އެތައް ގުރުބާނީއެއްވެ، ސަރުކާރުގައި ރަނގަޅު ނަތީޖާ ނެރެދީފައިވާއިރުވެސް، ވެގެން އުޅޭ ގޮތެއް ނުވިސްނޭ ކަމަށް ވިދާޅުވިއެވެ.