ކޮޅުމަޑުލުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، އެމަނިކުފާނު ތ އަތޮޅުގެ ހަތް ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ތިމަރަފުއްޓަށް ރޭ ވަޑައިގެން އެރަށުގެ މަސްވެރިންނާއި ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ ބައްދަލުވުމުގައި އެރަށުގެ ބައެއް ވިޔަފާރިވެރިން ވަނީ ތ. އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އިތުރު ރިސޯޓުތަކެއް އެ އަތޮޅުގައި ތަރައްގީ ކޮށްދެއްވުމަށް ރައީސްގެ އަރިހުން އެދިފައެވެ.
ރައްޔިތުންގެ އެ ކަންބޮޑުވުންތައް އެއްސެވުމަށް ފަހު ރައީސް ވަނީ ތ އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ތިމަރަފުށީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައިވެސް ރައީސް ވަނީ ތ. އަތޮޅަށް ފަތުރުވެރިކަން ގެނައުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަން ހާމަކުރައްވައި އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
ތ. އަތޮޅުގައި އޮންނަ ހަމައެކަނި ރިސޯޓަކީ މާލިފުށީގައި ހިންގާ ކޮމޯ މާލިފުއްޓެވެ. ނަމަވެސް މީހުން ދިރިއުޅޭ ގިނަ ރަށްތަކުގައި ގެސްޓްހައުސްތައް ހިންގައެވެ.
ތ. އަތޮޅުގައި ފަތުރިވެރިކަން ކުރިއެރުވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ވިދާޅުވިއިރު، ތ. އަތޮޅު އޮޅުފުށި ފިނޮޅުގައި ރިސޯޓު ތަރައްގީ ކުރަން މިހާރު ވަނީ ބީލަން ހުށަހަޅާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު