ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެން އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ކެމްޕެއިން ދަތުރުތަކަށް ހުވަދުއަތޮޅަށް ފުރާވަޑައިގަތުމުގެ ކުރިން ޕީޕީއެމް ކޯލިޝަންގެ ލީޑަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ މަސައްކަތް މިހާރު ހުއްޓިފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ވެސް ދެން އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އާދަމް ޝަރީފު ވިދާޅުވީ ސަރުކާރުގެ ރޭވުން އޮތީވެސް ރައީސް ނަޝީދު އަނބުރާ ރާއްޖެ ނުގެނައުމަށް ކަމަށެވެ. މީގެ ކުރިން ހިނގި މިފަދަ ހާދިސާތަކުގެ ތަހުގީގުތަކަށް ބަލާއިރު މި ހަމަލާ އަށް ފަންޑު ކުރި މީހުންނާއި ހަމަލާ ރޭވި މީހުން އަތުލައި ބަންދަށް ކުރިއަށް އޮތް ދެތިން އަހަރުވެސް ގެނެވޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގނަޑު ދަންނަވާނީ މަޖިލީސް އެއޮތީ އޭގެ ޒާތުގަ ޑެޑްލޮކަކަށް އައިސްފައޭ. މިހާލަތުގަ އެންމެ ރަނގަޅު ގޮތަކީ ހަތެއް ފެބުރުއަރީގަ ހެއްދެވި ގޮތަށް ރައީސް ނަޝީދު އިސްތިއުފާ ދެއްވައި އެ ފުރުސަތު އެހެން ބޭފުޅަކަށް ދިނުން. ރައީސް ނަޝީދަކީ ގައުމަށް އިހުލާސްތެރި ބޭފުޅެއް ކަމަށް ވެއްޖިއްޔާ މަޖިލީހުގެ ރައީސްކަން އެހެން ބޭފުޅަކަށް ދެއްވަން އަޅުގަނޑު ދެކެނީ." އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފު ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓި އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅުގައޭ އެމަނިކުފާނު ވިދާޅުވާ ކަމަށާއި އެހެން ކަމަށް ވާނަ ގައުމުގަ ދެބާރު އޮތީ އެއްބޭފުޅެއްގެ އަތްޕުޅުގައި ކަމަށެވެ. އަދި އެހެން ކަމަށްވެއްޖެނަމަ އެއީ ފުރިހަމަ ޑިމޮކްރަސީއެއްގައި މަލްޓީ ޕާޓީ ސިސްޓަމެއްގަ އެންމެ ރަނގަޅު ނިޒާމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

އެހެންކަމުން އަލަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވާކަމުގައިވަނީ ނަމަ އެ ފުރުސަތު އެމްޑީޕީ ނޫން މީހަކަށް ދޭން ޖެހޭނެ ކަމަށާއި އޭރަށް ހުރިހާ ބާރެއް އެއްވެފަ އޮންނަ އެއްވުމަށް ލުއިކަމެއް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފެނިގެންދަނީ ފެއިލް ވެފައި އޮތް ސަރުކާރެއް ކަމަށާއި އަދި ރައްޔިތުން ބޭނުންވާ ވެރިކަމެއް މި ސަރުކާރަށް ދެން އެއްގޮތަކަށްވެސް ކުރެވިގެންދާނެ ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ. އެހެން ކަމުން މިކަމުގައި ރައްޔިތުންގެ ބަސް ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ހަމަލާ އަށްފަހު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. އަދި ހަމަލާ ރާވައި ހިންގި މީހުން ހައްޔަރު ނުކުރަނީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވެ ވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދެއްވުމަށް އެދިވަޑައިގެން މަޖިލީހަށް ވަނީ ސިޓީއެއް ފޮނުއްވާފަ އެވެ.