ތ. ތިމަރަފުށީން- އަލީ ޔާމީން

ތ. ތިމަރަފުށީގައި މެދު ފަންތީގެ ހޮސްޕިޓަލެއް އިމާރާތް ކުރަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ތ. އަތޮޅުގެ ހަތް ރަށަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ތިމަރަފުއްޓަށް ވަޑައިގެން އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާއެކު ރޭ ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ތިމަރަފުށީ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށް ގިރުމުގެ މައްސަލަ އާއި ބަނދަރުގެ ދަތިކަމާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ބޭނުންވާ ކަމާއި އެއާޕޯޓްގެ ދަތުރުތައް މަދުވުމުން ހުރި ކަންބޮޑުވުންތަކާއި ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ކަމާއި މި ސަރަހައްދުގައި ފަތުރުވެރިކަމުގެ މާ ގިނަ ފުރުސަތުތަކެއް ނެތުމުން ދިމާވާ އިގްތިސޯދީ ދަތިތަކާއި މަގުހެދުމުގެ މަޝްރޫއު ލަސްވާތީ ހުރި ކަންބޮޑުވުންތައް ހިމެނެއެވެ. އަދި، ކަރަންޓުގެ ހިދުމަތް ލިބުމުގައި ހުރި ދަތިތަކާއި ކައުންސިލުން ބޭނުންވާ ތަރައްގީގެ އިތުރު ކަންކަމާ ގުޅޭ ގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައިވެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި، އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ވަކި ޖާގައެއް ކަނޑައަޅައިދެއްވުމަށާއި ކޮމިޓީގެ މެންބަރުންގެ މުސާރައާއި އިނާޔަތްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް އެބޭފުޅުން ވަނީ ރައީސްއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫއުތައް ކުރިޔަށްދާ ގޮތާ ބެހޭ ފަހުގެ މައުލޫމާތުތައް އެބޭފުޅުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނުފެށި ލަސްވެފައިވަނީ ކޮވިޑްގެ ސަބަބުން ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެ މަޝްރޫއުގެ މަސައްކަތް ފެށޭނެ ކަމަށެވެ. މަގުހެދުމުގެ މަޝްރޫއު ކުރިޔަށް ގެންދިއުމުގައި ކައުންސިލުން އެދުނު ފަދައިން ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމަކާ އެކީ އެކަން ކުރެވޭނެ ގޮތެއް ބައްލަވައިދެއްވާނެ ކަމަށާއި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އަންނަ އަހަރަށް ބަޖެޓް ކުރެވޭތޯ މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވިދާޅުވީ ތިމަރަފުށީގެ ސިއްހީ މަރުކަޒުގެ އަޕްގްރޭޑިން މަސައްކަތް މީހާރަށް ބޭނުންވާނެ ކަންކަމާއެކީ ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި މެދު ފަންތީގެ ހޮސްޕިޓާތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމަށް ރާވާފައިވާ މަޝްރޫއުގައި ހިމަނައިގެން އެރަށުގައިވެސް އެފަދަ ހޮސްޕިޓަލެއް ކުރިޔަށް އޮތްތަނުގައި ގާއިމުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ސަރުކާރުން އަންނަނީ ވަކިވަރަކަށްވުރެ އާބާދީ ބޮޑު ރަށްރަށުގައި މެދުފަންތީގެ ހޮސްޕިޓާތައް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 21 ރަށެއްގައި މެދުފަންތީގެ ހޮސްޕިޓަލްތައް ހެދުމަށް ޝޯޓްލިސްޓް ކޮށްފައިވާ ކަމަށް ސަރުކާރުން ބުންޏެވެ.