ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ޖުމްހޫރީ ޕާޓީ ތަމްސީލު ކުރާ މެންބަރެއްގެ ގޮތުގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ހަމަޖައްސައިފި އެވެ.

ކޮމިޓީގައި ކުރިން ޖޭޕީ ތަމްސީލު ކުރައްވަނީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. ނަމަވެސް ޖޭޕީ ދޫކުރައްވައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުން އޭނާ މިހާރު ހުންނެވީ އަމިއްލަ މެންބަރެއްގެ ގޮތުގަ އެވެ.

ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި ގައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް އެކަމަށް މަޖިލީހަށް ހުށަހެޅުމުގެ މަސްއޫލިއްޔަތު އޮންނަ 241 ކޮމިޓީގައި ޖުމުލަ 13 މެންބަރުން ތިއްބަވަ އެވެ.

ކޮމެޓީގެ މުގައްރިރުއަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. ނައިބު މުގައްރިރަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.