އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަލް ކްލަބުން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ގަލޮޅު ރަސްމީ ދަނޑަށް ނުކުންނައިރު، އެޑްވާންޓޭޖުތަކެއް އޮތީ ބަޝުންދުރާއަށް ކަމަށް މާޒިޔާގެ ސްޕެއިން ކޯޗު ރިސްޓޯ ވިޑަކޮވިޗު ބުނެފިއެވެ.

އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން ވަނީ ސައުދީ އަރަބިއްޔާގައި ތިން ހަފުތާއެއްހާ ދުވަހުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. އެ ކޭމްޕްގައި މާޒިޔާ އިން ވަނީ ތިން މެޗެއް ކުޅެފަ އެވެ.

އެ ގޮތުން ފުރަތަމަ މެޗުގައި މާޒިޔާ އިން ވަނީ ސައުދީގެ ގަދަބާރު އަލް-އިއްތިހާދުގެ 19 އަހަރުން ދަށުގެ ޓީމު އަތުން 2-1 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި ސައުދީގެ ޕްރޯ ލީގު (ފުރަތަމަ ޑިވިޝަނުގައި) ގައި މިދިޔަ އަހަރު ވާދަކުރި ކްލަބް އަލް ވަހްދާއާ ލަނޑެއް ނުޖެހި ވީ އެއްވަރެވެ. އަދި ފަހު މެޗުގައި މުހައްމަދު ބިން ސަލްމާން ލީގު (ސައުދީ ދެ ވަނަ ޑިވިޝަން)ގެ ޖިއްދާ އެފްސީއާ އެއްވަރުވީ 2-2 އިންނެވެ.

އެފަދަ މެޗުތަކަކަށްފަހު މާޒިޔާއިން އޭއެފްސީ ކަޕަށް އައި ނަމަވެސް ކޯޗު ވިޑަކޮވިޗުގެ ނަޒަރުގައި ބަޝުންދުރާއިން ދާދިފަހުން ލީގުގައި ވަރުގަދަ މެޗުތައް ކުޅެ ފޯމު ރަނގަޅަށް އޮތުމަކީ އުނދަގޫވާނެ ކަމެކެވެ.

"މިކަހަލަ މެޗަކަށް އަންނައިރު ލިބެން އޮތް އެޑްވާންޓޭޖެއް މިވަގުތު ލިބެން އޮތީ ބަޝުންދަރާއަށް. އެއީ އެންމެފަހު މެޗު ކުޅެފައި ވަނީ މީގެ ހަތް ވަރަކަށް ދުވަސް ކުރިން. އަހަރެމެން ޖެހުނީ ލީގު ހުއްޓައި، އަލުން ޕްރީ ސީޒަން ފަށައިގެން ތައްޔާރުވާން. އެކަމަކު މާޒިޔާއިން ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްގެން މި އައީ މެޗުތަކަށް. މި މެޗުތަކަށް ތައްޔާރު،" މާޒިޔާއާއެކު ބަލިނުވެ ރާއްޖޭގެ ލީގު ނެގި ވިޑަކޮވިޗު ބުނެފައިވެއެވެ.

ވިޑަކޮވިޗަކީ އޭއެފްސީ ކަޕަށް އާ ކޯޗެއް ނޫނެވެ. ފިލިޕީންސްގެ ސެރެސްއާ އެކު އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރެފައިވާއިރު، ވިޑަކޮވިޗު ބުނެފައި ވަނީ މާޒިޔާ ކުޅޭނީ ދިވެހި ފުޓްބޯޅަ ދިފާއުކުރަން ކަމަށެވެ.

"އެކުވެރިކަމުގެ މެޗުތައް ކުޅުނަސް ތަފާތުވާނެ. އެއީ ޕްރެޝަރެއް ނެތި ކުޅޭ މެޗުތައް. ވާދަވެރި މެޗުތައް ނުކުޅެ އޮތުމަކީ ތަފާތު ފެންނާނެ ކަމެއް. އެކަމަކު އެންމެ ރަނގަޅު ނަތީޖާ ނެރެން މަސައްކަތް ކުރާނަން. ވަރަށް ރަނގަޅަށް ތައްޔާރުވެފައި މިއޮތީ. އަހަރެންގެ ކުޅުންތެރިން 100 ޕަސެންޓް ދޭނެ. ރާއްޖޭގެ ފުޓްބޯޅައިގެ ހައްގުގައި. މި ދަނޑުގައި (ގަލޮޅު ދަނޑުގައި) އަހަރެމެން ކުޅޭނީ ދިވެހި ފުޓްބޯޅަ ދިފާއުކުރަން. އަހަރެމެން 100 ޕަސެންޓް ދީގެން މަސައްކަތްކުރާނީ އެ ގޮތަށް،" ވިޑަކޮވިޗު ފާހަގަކުރިއެވެ.

ވިޑަކޮވިޗު ބުނެފައި ވަނީ ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބްރޫޒޯންއަށް ރާއްޖޭގެ ކުޅުންތެރިން އެނގޭ ކަމަށާއި، ހުރިހާ ޓީމުތަކަށް ބަލާއިރުވެސް ބަޝުންދުރާއަށް ފައިދާތައް އެބަހުރި ކަމަށެވެ. އެކަމުގައި ހާއްސަކޮށް ވާދަވެރި މެޗުތަކެއް ކުޅެމުން ގޮސް، އެ ފޯމުގައި މުބާރާތަށް އައުން ހިމެނޭ ކަމަށް ވިޑަކޮވިޗު ފާހަގަކުރިއެވެ. އޮސްކާ އެނގޭ ކަމަށާއި، އޮސްކާގެ ކުޅުމަކީ އޮފެންސިވް ކުޅުމުގެ ސްޓައިލެއް ކަމަށްވުމުން މެޗު ރީތި ވާނެ ކަމަށް ރިސްޓޯ ބުނެފައިވެއެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖޭ ގަޑީން 09:00ގަ އެވެ. މެޗު ކުޅޭނީ ސަޕޯޓަރުން ނުވައްދަ އެވެ.