މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބޭނުންވަނީ ނުކުރެވޭނެ މޮޅު ވާހަކައެއް ދައްކާލައިގެން ކޮންމެ ދުވަހަކު ނޫސްތަކުގެ ހެޑްލައިނަށް އެރުމަށް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުޣުނީ މިރޭ ވިދާޅުވީ މޭޔަރު މުއިއްޒުގެ ފަރާތުން ފެންނަނީ ކަންކަން ކުރުމުގެ ބަދަލުގައި މޮޅެތި ވާހަކަތައް ދައްކަވާ މަންޒަރު ކަމަށެވެ.

"އަމަލުތައް ހުރި ގޮތުން ބޮޑަށް މި ފެންނަނީ ކޮންމެ ދުވަހަކު ވެސް ހެޑްލައިނެއް ކޮންމެވެސް ގޮތަކަށް ހަދައިލެވޭތޯ މަސައްކަތްކުރާ ތަން. އަދި ހެޑްލައިން ނުހެދޭ ދުވަސްތަކުގައި ވެސް އެހެން މީހުންނާ ބައްދަލުކޮށްގެން ވެސް އެކިއެކި ވާހަކަދެއްކުން. ކުރެވެން ނެތް ކަންކަމުގެ ވާހަކަ ގިނައިން ދައްކާ ތަން މި ފެންނަނީ،" އޭނާ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ އޭނާއަކީ މާލޭގެ ރައްޔިތަކަށް ވީމަ އުންމީދުތަކެއް އެބަހުރި ކަމަށާއި އެގޮތުން ބުރިޖު އަޅައި ނިމުނު އިރު، ގެއްލުނު ލޭނުތައް ހޯއްދަވައިދެއްވާނެ ކަމަށް އުންމީދުކުރެވުނު ކަމަށެވެ. ނަމަވެސް އެކަހަލަ ކަންކަން ކުރުމަށް މަސައްކަތްކުރާ ތަން ނުފެންނަ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ހީކުރީ ކުރީ ސަރުކާރުގައި ބުރިޖު އެޅި އިރު، ގެއްލިފައި ހުރި ލޭނުތައް ހޯއްދަވައިދެއްވާނެ ކަމަށް. ހިނގާ މީހުންނަށް ވެސް ލޭނެއް ހަދައިދޭނެ ވާހަކަ ދައްކާފައި އޮތީ. ބައިސްކަލު ދުއްވާ މީހުންނަށް ވެސް ލޭނެއް ހަދާނެ ވާހަކަ ދައްކާފައި އޮތީ. މިކަންކަން ކުރާނެ ކަމަށް ހީކުރީ. އެބޭފުޅުން ވަރަށް ބޮޑަށް ފެމިލިއަރައިޒް ވާނެ ކަންކަން މިއީ. މީގެ އިތުރުން މާލޭ މީހުންނަށް އެންމެ ދަތިވެފައި އޮތް އެއް ކަންތައް ޕާކިން ސިސްޓަމް. ވާޓިކަލް ޕާކިންތަކެއް ވެސް ގެނައި، ހުޅުމާލޭގައި ވެސް މާލޭގައި ވެސް އެބަހުރި. ބޭނުމެއް ނުކުރޭ، އެ އެއްޗެހި އެހެން ބަހައްޓާފައި އެހުރީ،" އޭނާ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ ކުރެވެން ހުރި ކަންތައްތައް ކޮށްފައި ބޮޑެތި ވާހަކަދައްކަން ރަނގަޅު ކަމަށާއި ކުރެވެން ހުރި ކަންތައްތައް ބަހައްޓާފައި ނުވާނެ ކަންކަން ކުރުމުގެ ވާހަކަދެއްކުން ރަނގަޅު ނޫން ކަމަށެވެ. އަދި ސިޓީ ކައުންސިލުން ކުއްލިއަކަށް ސްޓެލްކޯ ފަދަ ބޮޑެތި ކުންފުނިތަކަށް ދަތިވާ ކަހަލަ ކަންތައްތައް ކުރާތީ އެކަމާ ކަންބޮޑުވުން ވެސް ފާޅުކުރެއްވިއެވެ.

ދާދި ފަހުން މާލޭ ސިޓީ ކައުންސިލުން ވަނީ އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ދީފައިވާ ބިން ހުސްކޮށްފައެވެ. ސްޓެލްކޯއަށް އެންގުމެއް ނެތި އެތަނުގައި ހުރި މުދާތައް ނަގައި، ސިޓީ ކައުންސިލުގެ ބޭނުންތަކަށް ބޭނުންކުރަމުންދާތީ އެ ކުންފުނިން ވަނީ މައްސަލަ ފުލުހަށް ވެސް ހުށަހަޅައިފައެވެ.

އޭގެ އިތުރުން މިމަހުގެ އަށްވަނަ ދުވަހު ސިޓީ ކައުންސިލުން ވަނީ ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީގެ މަސައްކަތްތަކަށް ބަންދުކޮށްފައިވާ މަގުތައް އެއް މަސް ދުވަހުގެ ތެރޭގައި ހުޅުވުމަށް ވެސް އަންގައިފައެވެ.

ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނަވަނިކޮށް އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ދޫކުރި ބިމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުޣުނީ ވިދާޅުވީ މިނިސްޓަރު މުއިއްޒަށް އެ ބިމުގެ ތަފްސީލުތައް އެނގިވަޑައިގަންނަވާނެ ކަމަށާއި އެކަންކަން އެނގިވަޑައިނުގަންނަވާ ބޭފުޅަކީ މޭޔަރު މުއިއްޒު ކަމަށެވެ.