• ތ. ތިމަރަފުށިން އަލީ ޔާމިން

އެމްޑީޕީ ދޫކޮށްލުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ތިމަރަފުށީގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އާ ގުޅިވަޑައިގެންނެވުމުގެ ވިސްނުންފުޅު ގެންގުޅުއްވަންތޯ އެމްޑީޕީގެ އާންމު މެންބަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެމްއެންޕީއާ ގުޅުމުގެ ވިސްނުމެއްވެސް އަދި އެޕާޓީއަށް ތާއިދުކުރުމުގެ ވިސްނުމެއްވެސް ނުގެންގުޅުއްވާ ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމަކު ނެތް ތިކަހަލަ އެއްވެސް ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑު ހުންނާނީ އެމްޑީޕީގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމްޑީޕީ ބަދަހިކުރަން ކުރިއަށް ވުރެ ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށާއި އެމްޑީޕީއަށާއި ޕާޓީގެ މެންބަރުންނަށް ދެރަގޮތެއް ވިޔަ ނުދެއްވާނެ ކަމަށެވެ.

އެމްއެންޕީއާ ގުޅުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ވިދާޅުވި އިރު، އިދިކޮޅު ފަރާތްތަކުން ވަނީ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމު އިސްކޮށް ހުރެ އުފައްދަވަން މަސައްކަތްކުރައްވާ އެމްއެންޕީގެ އަޑީގައި ހުރީ ރައީސް ސޯލިހު ކަމުގެ ތުހުމަތުތައްކޮށްފައެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރައީސް ސޯލުހު ރަސްމީކޮށް އިއުލާންކުރައްވާފައި ނުވި ނަމަވެސް އެމަނިކުފާނު ވަނީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށްވެސް އެބައޮތް ކަމަށް ވިދާޅުވެފައެވެ.