މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި "ވިޒިޓް މޯލްޑިވްސް ނައު"ގެ ނަމުގައި ފެށި ޑިސްޓިނޭޝަން މާކެޓިން ކެމްޕެއިންގެ ބައެއްގެ ގޮތުން ރައްޖޭގެ ރީތިކަން ޕްރޮމޯޓް ކުރުމަށް އުރީދޫ މޯލްޑިވްސް އާއި އޯކާ މީޑިއާ ގުރޫޕް ގުޅިގެން ސޯޝަލް މީޑިއާ ކެމްޕެއިނެއް ފަށައިފިއެވެ.

ވިޒިޓް މޯލްޑިވްސް ނައު ކެމްޕެއިނަކީ އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އޯކާ މީޑިއާ ގުޅިގެން ހިންގި ކެމްޕެއިނެކެވެ. އެ ކެމްޕެއިން މެދުވެރިކޮށް ދުނިޔޭގެ 10 ގައުމެއްގެ 117 މީހުންނާ ހަމައަށް ރާއްޖެ ޕްރޮމޯޓް ވެގެންދާނެއެވެ.

އުރީދޫން މިފަހަރު ފެށި ކެމްޕެއިން މެދުވެރިކޮށް ރާއްޖޭގެ ރިވެތި ސަގާފަތާއި ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ޕޮޓޯ އާއި ވީޑިއޯ ހިއްސާކުރުމަށް ވަނީ ނިންމައިފައެވެ.

އުރީދޫން ބުނީ، މި ކެމްޕެއިންގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމާއި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށެވެ. އަދި ކެމްޕެއިންގައި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ފޮޓޯ އާއި ވީޑިއޯ ހިއްސާކޮށްގެން ބައިވެރިވެވޭނެ ކަމަށް ބުންޏެވެ.

ފޮޓޯ އަދި ވީޑިއޯ ހިއްސާކުރަން ޖެހޭނީ އެ މަހެއްގައި ކަނޑައަޅާފައިވާ ތީމަކަށެވެ. އަދި ފޮޓޯ އާއި ވީޑިއޯ އަޕްލޯޑް ކުރާއިރު #ވިޒިޓްމޯލްޑިވްސް ޖަހަން ޖެހޭނެއެވެ.

މި ކެމްޕެއިނާ ގުޅޭގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ކޮވިޑް19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތައް ލިބުނު ގެއްލުމުގެ ސަބަބުން ގިނަ އާއިލާތަކަކަށް އޭގެ އަސަރުކޮށްފައިވާތީ، އުރީދޫ މޯލްޑިވްސްގެ އަމާޒަކީ އަލުން ފަތުރުވެރިކަން ކުރިއެރުވުން ކަމަށެވެ. އަދި އެ ކެމްޕެއިންގެ ސަބަބުން ރާއްޖެ އިތުރަށް ބޭރުގެ މާކެޓުތަކުގައި އިޝްތިހާރު ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެމްޕެއިނުގައި ކޮންމެ މަހަކުވެސް ވަކި ތީމަކާއި ހާއްސަ އިނާމުތަކެއް ކަނޑައަޅާނެއެވެ. އެގޮތުން ކޮންމެ ފޮޓޯއަކާއި ވީޑިއޯއެއްވެސް ގުނާނީ ވަކިވަކިންނެވެ. އެހެންކަމުން ގިނަ ފޮޓޯ އަދި ވީޑިއޯ ފޮނުވާ ފަރާތަކަށް އިނާމު ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެއެވެ.

އިނާމު ލިބޭ ފަރާތެއް ކަނޑައަޅާނީ ކޮންމެ މަހެއް ނިމުމުން ބާއްވާ ލަކީޑްރޯއަކުންނެވެ. ފުރަތަމަ މަހުގެ ތީމަކީ ރާއްޖޭގެ ސަގާފަތާއި އާދަކާދައެވެ. އެހެންކަމުން ރާއްޖޭގެ ކެއިންބުއިންތަކާއި ދިވެހިންގެ އަތްތެރި މަސައްކަތްތަކާއި ސަގާފަތް ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފޮނުވޭނެއެވެ. ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ވ. ކެޔޮދޫ ޖުޕިޓާ ސަންރައިޒްގައި ދެ މީހަކަށް ދެ ދުވަހުގެ ހުރުމެއް ލިބިގެންދާނެއެވެ.