ޚަބަރު

ރައީސް ސޯލިހު ތ. އަތޮޅުގެ ހަތް ރަށަކަށް ވަޑައިގަންނަވަނީ

ރިފާ ހަލީލު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތ. އަތޮޅަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު މިއަދު "ވަން" އަށް ވިދާޅުވީ، ރައީސް ސޯލިހު ތ. އަތޮޅުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހަތް ރަށަކަށް ކަމަށެވެ. އެއީ ތިމަރަފުށި، ކިނބިދު، ވޭމަންޑޫ، އޮމަދޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުއްޓެވެ.

މަބްރޫކު ވިދާޅުވީ، މި ދަތުރުފުޅުގައި އެރަށްރަށުގެ ކައުންސިލްތަކާ ރައީސް ބައްދަލު ކުރައްވައި، ރަށްތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ގާތުން ބައްލަވައި މައުލޫމާތު ހޯއްދަވާނެ ކަމަށެވެ.

އަދި ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ގިނަ މަސްއޫލިއްޔަތުތަކާއި ބާރުތަކެއް ދީފައިވާ އިރު، ލާމަރުކަޒީ ގާނޫނު ކާމިޔާބު ކުރުމަށް އަލަށް އިންތިހާބުވި ކައުންސިލްތަކާ އެކު ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަކީ ރައީސް ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ މީގެ ކުރިން އުތުރުގެ ތިން ރަށަކަށްވެސް ވަޑައިގެންފައެވެ.