ހިޔާ ފްލެޓްތަކަށް މިއަދު ކަރަންޓު ދޭން ފަށާފައިވާ އިރު، ކަރަންޓު ދެމުންގެންދާނީ ދުވާލަކު ދެ ޓަވަރަށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން މިއަދު ބުނީ، ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ދަށުން މިއަދު ކަރަންޓު ދިނުމަށް ހަމަޖެހިފައި ވަނީ 15 އަދި 16 ވަނަ ޓަވަރަށް ކަމަށެވެ. އަދި އެ މަސައްކަތް ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ހަވީރު 5:00 ކުރިއަށްދާނެ ކަމަށް ބުންޏެވެ.

ސްޓެލްކޯ އިން ބުނީ، ކޮންމެ ދުވަހަކުވެސް ކަރަންޓު ދޭ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެކަން އަންގައި، އެސްއެމްއެސް އެއް ފޮނުވާނެ ކަމަށެވެ. އަދި އެ އެސްއެމްއެސް ލިބުމުން ދޫކޮށްފައިވާ ސްލިޕާ އެކު، ޓަވަރަށް ދިއުމުން ފްލެޓަށް ކަރަންޓު ދޫކުރާނެ ކަމަށް ބުންޏެވެ.

"މި މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް ލިބި ހާޒިރު ނުވެވިއްޖެ ކަމަށްވާ ނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދެވިގެންދާނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުން." ސްޓެލްކޯއިން ބުންޏެވެ.

އެހެންކަމުން ކޮންމެ ދުވަހަކުވެސް ކަރަންޓު ދެވޭ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަށް އެ ދުވަހަކު ހާޒިރުވުމަށް ސްޓެލްކޯ އިން ވަނީ އިލްތިމާސްކޮށްފައެވެ.