އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ ޝަރުތު ހަމަނުވާކަން އެ ޕާޓީން އަންގައިފިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވައި، މަހުލޫފު ވަނީ ފޯމު ހުށަހަޅުއްވައިފައެވެ. ނަމަވެސް އެމްޑީޕީން މިރޭ އާންމުކުރި ކެންޑިޑޭޓުންގެ ލިސްޓުގައި މަހުލޫފުގެ ނަމެއް ނެތެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގު ސޮއިކުރައްވައި އެޕާޓީން މަހުލޫފަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް ޝަރުތު ހަމަވާ ފަރާތްތައް ބެލުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކަށް ފޮނުވުމުން އޭގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އޭނާގެ މައްސަލައެއް ވާ ކަމަށް އަންގާފައިވާ ކަމަށެވެ.
އޭސީސީގެ އެ ޖަވާބާ ގުޅިގެން ޝަރުތު ހަމަނުވާ ކަމަށް ކޮމިޓީން ނިންމާފައިވާތީ ކެންޑިޑޭޓުންގެ ލިސްޓުގައި ހިމަނާފައި ނުވާ ވާހަކަ ދަންނަވާ ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.
މީގެ ކުރިން އޭސީސީން ބުނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި އެމްއެމްޕީއާރުސީގެ ފައިސާ އިން މަހުލޫފަށް 33،000 އެމެރިކާ ޑޮލަރު ދީފައިވާ ކަމަށެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާ އިރު, އޭނާ މިވަގުތު ހުރީ މިނިސްޓަރުކަމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައެވެ. މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހު އޭސީސީން ފޮނުވި އެ މައްސަލައިގައި މިހާތަނަށް އަދި ދައުވާކޮށްފައެއް ނުވެއެވެ.
މަހުލޫފު ވަނީ އެ މައްސަލައިގައި ޕީޖީން ގޮތެއް ނިންމާފައި ނުވާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި، ތުހުމަތުތަކެއް ވެސް ކުރައްވައިފައެވެ. އެގޮތުން އޭނާ ވަނީ ހެކި ނެތިގެން ހެކި އުފެއްދުމުގެ މަސައްކަތްކުރާ ކަމަށް ވެސް ތުހުމަތުކުރައްވައިފައެވެ.
މިދިޔަ ހުކުރު ދުވަހު ކްލަބު ހައުސްގައި ބޭއްވި ޕްރޮގްރާމެއްގައި މަހުލޫފު ވިދާޅުވީ އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ކުރައްވަމުން ގެންދަވާ ކަންކަން ފެންނާނެ ޗެޓްލޮގްތަކެއް އޭނާގެ އަތުގައި އެބަހުރި ކަމަށާއި ޝަރީއަތާ ހަމައިން އެވާހަކަތައް ތިލަކުރައްވާނެ ކަމަށެވެ. އެ ވާހަކަތަކުގެ ސަބަބުން "ދައުލަތް އޮރިޔާން" ވާނެ ކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު