ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ބަލަން ނިންމުމާ ގުޅިގެން، އެ ކޮމިޝަނުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މައްސަލަ ހުށަހަޅައިފިއެވެ.
ދެހާސް ވިހިވަނަ އަހަރު ރާއްޖެއަށް އެތެރެކުރި 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުކުރި ދެ މީހަކު ދޫކޮށްލަން ނިންމައި، އަދި އެ މައްސަލައިގައި އެޗްއާރުސީއެމުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ކޮމިޝަނުގެ މައްސަލަ ބަލަން ކޯޓުން ވަނީ ނިންމައިފައެވެ.
އެޗްއާރުސީއެމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާނޫނު އަސާސީގައި އެ ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަނުވެ، މަސްތަގިއްލު ކޮމިޝަނެއް ކަމާއި، އިންސާނީ ހައްގުތައް ކުރިއެރުވުމުގައި މަސައްކަތްކުރަންވާނީ އެއްވެސް ފަރާތަކަށް ބުރަވުމެއް ނެތި، ތައައްސުބުން އެއްކިބާވެ ތިބެ ކަމަށް ސަރީހަ އިބާރާތުން ބުނެފައިވާ އިރު، އެކަމަށް ރިއާޔަތްކުރުމެއް ނެތި ކޮމިޝަނުގެ މިނިވަންކަމާއި މުސްތަގިއްލުކަމާ މެދު ސުވާލު އުފެދޭ ގޮތަށް ހިތަދޫ ކޯޓުން އަމަލުކޮށްފައިވާ ކަމަށެވެ.
އެޗްއާރުސީއެމްގެ މައްޗަށް ގާނޫނުން ލިބިގެންވާ ބާރުތަކަށް ރިއާޔަތްކޮށް ހިތަދޫ ކޯޓުން ދިހަ ދުވަހުގެ ތެރޭގައި މައްސަލަ ބަލަން އަމުރުކޮށްފައިވުމަކީ ކޮމިޝަނަށް ގާނޫނީގޮތުން ލިބިފައިވާ ބާރުތައް ހަނިވެ، މިނިވަންކަމާއެކު މަސައްކަތްކުރުމަށް ހަރަސްތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
"މި އަމުރުތަކާ ގުޅިގެން ކޮމިޝަނުގެ އެދުމަކަށް ބޭއްވި ބައްދަލުވުމެއްގައި މި އަމުރުކުރަން ޖެހުނީ އެ ކޯޓުގައި ސިޓީ ފޯމެޓެއް ނެތުމުންނާއި، އެ ކޯޓުގައި އޮތީ ހަމައެކަނި އަމުރު ފޯމެޓު ކަމަށާއި އަދި މައުލޫމާތު ހޯދުމަށް އެހެނިހެން އިދާރާތަކަށް ވެސް އެ ކޯޓުން ފޮނުވަނީ ކޯޓު އަމުރުން ކަމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހާމަކޮށްފައެވެ..،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެޗްއާރުސީއެމުން ބުނީ ހިތަދޫ ކޯޓުގެ އަމުރުތަކުން ހޯދަން އެދިފައިވާ ފަދަ މައުލޫމާތުތަކަކީ ކޮމިޝަނަށް ލިޔުމުން އެދުމުން ފޯރުކޮށްދެމުންދާ މައުލޫމާތުތައް ކަމަށާއި ހިނގަމުންދާ ޝަރީއަތެއްގައި އެފަދަ މައުލޫމާތަށް އެދެމުން ވެސް އެ މައުލޫމާތުތައް ހޯދުނު އެންމެ އަވަސް މުއްދަތެއްގައި ހޯދައި ކޯޓުތަކަށް ފޮނުވައިދޭ ކަމަށެވެ.
ހިތަދޫ ކޯޓުން ކޮމިޝަނަށް ކޮށްފައިވާ ދެ އަމުރުގައި ބަޔާންކޮށްފައިވާ ފަރާތްތަކާ ގުޅޭ މައްސަލަތައް ސަމާލުކަމަށް އައުމުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި ނަމަވެސް ހިތަދޫ ކޯޓުން ދިހަ ދުވަހުގެ ތެރޭގައި މައްސަލަ ބަލަން އަމުރުކޮށް ކޮމިޝަނުގެ މައްޗަށް ކޮށްފައިވާ ދެ އަމުރަށް މިދިޔަ މަހުގެ އެއްވަނަ ދުވަހު ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާނެ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
"އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ބަންދު މުރާޖައާކޮށް ނިންމިގޮތުގައި (ނަންބަރު S2C/2021/37) ހިއުމަން ރައިޓްސް ކޮމިޝަނުން ސ. ހިތަދޫ ކޯޓުގެ އަމުރާ (އަމުރު ނަންބަރު S2C/ECA/(2021)/37) އެއްގޮތަށް އަމަލުކޮށްފައިނުވާތީ، ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަ ބެލުމަށް ނިންމާފައިވެއެވެ. އެހެންކަމުން މިހާރު ކޮމިޝަނުން ދަނީ މި މައްސަލަ އިސްތިއުނާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި މައްސަލައިގައި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ނިންމުންތަކާއި އަމަލުކޮށްފައިވާ ގޮތާ މެދު މި ކޮމިޝަނުގެ ކަންބޮޑުވުން ހުރުމުން މި މައްސަލަ ބަލައިދިނުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ވާނީ ހުށަހަޅައިފައެވެ..،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެޗްއާރުސީއެމުން އިތުރަށް ބުނީ އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް އެ ކޮމިޝަނުން ކުރާ މަސައްކަތް މިނިވަންކަމާއެކު، ތައައްސުބުން އެއްކިބާވެ ތިބެ ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު