ނޫމަޑި މައްސަލައިގައި ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލާފައިވާ ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެ ދައުވާއަށް އިންކާރުކުރައްވައި، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް އެއްވެސް ބަޔާނެއް ދީފައި ނުވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ޖޫން 25، 2019 ގައި ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލެންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި އެކުންފުނީގެ ހެކިވެރިއަކަށް ވެ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ބުނެ، ދޮގު ބަޔާނެއް ދީފައިވާ ކަމަށް ތުހުމަތުކޮށް ޑރ. މުއިއްޒުގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލުން ދައުވާ އިއްވަވަމުން ވިދާޅުވީ ހަމަ އެ ގޮތަށެވެ. އަދި އަދި އެކަމުގެ ސަބަބުން ދައުލަތަށް ގެއްލުންވި ކަމަށް ވެސް ވިދާޅުވިއެވެ.

އެކަން ސާބިތު ކުރުމަށް ދައުލަތުން ވަނީ ހެކީގެ ގޮތުގައި ލިޔުންތަކެއް ހުށަހަޅައިފައެވެ.

ދައުވާއަށް އިންކާރު ކުރައްވަމުން މުއިއްޒުގެ ވަކީލް އާދަމް ޝަމީމް ވިދާޅުވެފައިވަނީ، ދައުވާގައި ފާހަގަކޮށްފައިވާ އެއްވެސް ކަމެއް މުއިއްޒު ކޮށްފައި ނުވާނެ ކަމަށާއި ވަކިން ހާއްސަކޮށް އާބިޓްރޭޝަނަށް އެއްވެސް ބަޔާނެއް ދީފައި ނުވާނެ ކަމަށެވެ.

ޝަރީއަތް ފެށުމުގެ ކުރިން އެއްވެސް ހުށަހެޅުމެއް ހުށަހަޅަން ދައުލަތުން ބޭނުން ނުވި ނަމަވެސް މުއިއްޒުގެ ފަރާތުން ވަނީ ހުށަހެޅުންތަކެއް ހުރިކަން ފާހަގަކޮށްފައެވެ. އެކަމަށް 15 ދުވަސް ދިނުމަށް ގާޒީ ނިންމެވިއެވެ.

މިއަދުގެ އަޑުއެހުން ނިންމަވައިލެއްވުމުގެ ކުރިން މުއިއްޒު ވަނީ މާލޭ ސިޓީ ކައުންސިލުގެ ރަސްމީ ދަތުރެއްގައި އަންނަ މަހުގެ 10 ވަނަ ދުވަހުން 18 އަށް ރާއްޖެއިން ބޭރަށް ދަތުރެއް ކުރުމުގެ ހުއްދައަށް އެދިފައެވެ. އެކަމަށް ދައުލަތުން ވެސް އިއުތިރާޒެއް ނުކުރުމުން ގަޒީ ވަނީ އެ ހުއްދަ މުއިއްޒުއަށް ދިނުމަށް ނިންމައިފައެވެ.