ކޮލަމް

ކޮލަމް އަލިފު ސީނު: ހިސާބުގެ ޕްރޮފެސަރު ޖެއްސެވި ރިޔާސީ ހިސާބު، ހިސްޓްރީ ބުރަވަނީ އުގެއިލާ ދެކޮޅަށް

ސީނު އަލިފު

18

ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޕްރޮފެސަރު ހަސަން އުގައިލް އަކީ މޮޅު ބޭފުޅެކެވެ. އިލްމީ ގާބިލުކަން ހުރި ބޭފުޅެކެވެ. ރާއްޖޭގެ ނަން ފަހުރުވެރިކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާގެ ޚިދުމަތްތައް އެ ގޮތުގައި ދިވެހިން ބަލައިގަނެ އެވެ. އެކަމަކު ދިވެހިން ބަލައިގަންނާނެތޯ މިހާރު ސުވާލު އުފެދެނީ އޭނާ މިހާރު ގަސްތުކުރައްވާ ކަންތަކާ މެދު އެވެ. އެއީ، ވެރިކަމެވެ.

ރާއްޖޭގެ ރައީސް ކަމަށް ޝައުގުވެރިކަން ހުރި ކަމަށާއި ސިޔާސީ މަސައްކަތްތައް ކުރައްވަން ވަރަށް އަވަހަށް ރާއްޖެ ބަދަލުވެވަޑައިގަންނަވާނެ ކަމަށް، އާއިލާއާ އެކު އެމެރިކާގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ އުގެއިލް ދާދި ފަހުން ވަނ ވިދާޅުވެފައެވެ.

އޮތްހާ ވެސް ސުވާލަކީ، އިލްމީ ބޭފުޅަކު އަދި ސައިންޓިސްޓަކު ރާއްޖެ ވަޑައިގެން އެ ކުރައްވާ ސިޔާސީ މަސައްކަތް ދިވެހީން ބަލައިގެންފާނެތޯއެވެ. ހިސާބުގެ އުސްތާޒު ސިޔާސީ މައިދާނަށް ވަޑައިގަންނަވަން، ހިސާބު ޖެއްސެވީ ކިހިނެއް ބައްލަވައިފައިތޯ މިއީ ވެސް ސުވާލެކެވެ.

އެހެންވެ، އޭގެ ޖަވާބުތަކަށް ދިއުން ވެސް އެއީ ރަނގަޅު ކަމެކެވެ.

އައްޑޫ ބޭފުޅަކަށް ވުމުން އޮތް ފުރުސަތަކީ ކޮބާ؟

ސުވާލެއް ވެސް ނެތެވެ؛ އައްޑޫ ސިޓީގައި ތައުލީމީ ގޮތުން މިހާތަނަށް އުފެދުނު އެންމެ ގާބިލު އެއް ބޭފުޅަކީ އުގެއިލް އެވެ. އަދި އޭނާ އަބަދުވެސް ފަހުރުވެރިކަމާ އެކު ވަކާލާތު ކުރައްވާ އެއް ކަމަކީ ވެސް އޭނާ އަކީ އައްޑޫ މީހެއް ކަމެވެ. މިއީ ވަރަށް ދުރާލައި، ސިޔާސީ ވިސްނުމުގައި އޭނާ ވިދާޅުވާ ވާހަކަތަކެއް ކަމަށް ބެލެވިދާނެ އެވެ. އެކަމުގެ ފުރުސަތު މިހާރު އެބަ އޮތެވެ.

އައްޑޫ ސިޓީގެ ވަރަށް ގިނަ މީހުންގެ ވިސްނުމަކީ އަބަދު ވެސް ވެރިކަމަށް އައްޑޫ މީހަކު ގެނައުމެވެ. ވެރިކަމުގެ ތެރޭގައި އައްޑޫ އަށް ނިސްބަތްވާ މިނިސްޓަރުން މަދުވުމާއި އައްޑޫ އަށް ކޮށްދޭ ކަންކަން މަދުވުމުގެ ޝަކުވާތައް އަބަދުވެސް އިވެއެވެ. ބައެއް އާންމު ފޯރަމްތަކުގައި ވެސް އެ ސިޓީގެ ބައެއް މީހުން ފާޅުގައި އެ ވާހަކަ ދައްކާފައިވެ އެވެ. އަދި ބައެއް ރިޔާސީ ކެމްޕޭންތަކުގައި، ކެންޑިޑޭޓުން ވެސް އެ ވާހަކަތައް ދައްކަވައި އެހެން އެކަން ނުވާނެ ކަމަށް ވިދާޅުވެފައި ވެސް އެބަހުއްޓެވެ. އައްޑޫ ސިޓީއަކީ ހާއްސަ ތަނެއް ކަމަށާއި އެއީ ރާއްޖޭގައި އެންމެ އާބާދީ ބޮޑު ސިޓީ ކަމަށް ވިދާޅުވެ އައްޑޫ ސިޓީ އަށް އަބަދުވެސް އުންމީދުތައް ދެއްވަ އެވެ.

ޕްރޮފެސަރު އުގެއިލްގެ ހިޔާލުގައި، އައްޑޫ ސިޓީގެ ބޭފުޅަކަށް ވުން އެއީ ވެރިކަމަށް ވަޑައިގެންނެވިދާނެ ފޯމިއުލާއެއް ކަމަށް ގަބޫލު ކުރެއްވެނީ ކަމަށް ވެދާނެ އެވެ. އެހެން ނަމަވެސް، އައްޑޫ ސިޓީ އަށް އުފަން ބޭފުޅަކު ވެރިކަމަށް ވާދަކުރައްވާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. 2008 ގައި އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދު ވާދަކުރައްވައި ރައީސް ކަމާ ހިސާބަށް ވަޑައިނުގެންނެވީ ހަމަ ކިރިޔާ އެވެ.

ނަމަވެސް ހަސަން ސައީދު ރައީސް ކަމަށް ވާދަކުރެއްވި އިރާއި މިހާރާ އަޅައި ކިޔޭނެ ހަމައެއް ނެތެވެ. ސިޔާސީ މަޝްރަހު ވެސް ވަރަށް ބޮޑަށް ތަފާތެވެ. ޑރ. ހަސަން ރިޔާސީ ރޭހަށް ވަޑައިގަތީ އޭރު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ތެރޭގައި ވަރަށް ވަރުގަދަ މޫވްމަންޓެއްގެ ތެރެއިން އަދި ވަރަށް ޒުވާން ޓީމަކާ އެކު އެވެ. އޭރު ނިއު މޯލްޑިވްސްގެ ނަމުގައި ސަރުކާރުގެ ތެރޭގައި ހިންގި އިސްލާހީ މަސައްކަތްތަކުގެ އެންމެ އިސް އެއް މޭސްތިރި އަކީ އޭނާ އެވެ. އަދި ރާއްޖޭގެ ކްރިމިނަލް ޖަސްޓިސް ސިސްޓަމް ބަދަލުކޮށްލެއްވުމާއި ޑިމޮކްރަސީ އަށް ރާއްޖެ އަނބުރާލުމުގެ އެންމެ މުހިއްމު މަސައްކަތްތަކެއް ކުރެއްވީ ވެސް ޑރ. ހަސަން އެވެ. އެހެންވެ، ވެރިކަމަށް އޭރު ކުރިމަތިލެއްވި އެންމެ ވަރުގަދަ ތިން ވަނަ ކެންޑިޑޭޓަކަށް ހަސަން ސައީދު ވުމަކީ އޭނާ އައްޑޫ ސިޓީއަށް އުފަންވެވަޑައިގަތުމުގެ ސަބަބުން ވީ ކަމެއް ނޫނެވެ. އެއީ ރިޔާސީ ރޭހަށް ނުކުންނެވި އިރު ވެސް ލިބިވަޑައިގެން އޮތް މަގުބޫލުކަމެއް އަދި އިސްލާހީ މަސައްކަތްތަކެއް ކުރެއްވުމުގެ ތެރެއިން ކުރެއްވި ހިދުމަތްތަކެއްގެ ނަތީޖާ އެވެ. މިއަދުވެސް އެއް ބަޔަކު ދެކޭ ގޮތުގައި ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް އައުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެމަނިކުފާނުގެ އިސްލާހީ އެޖެންޑާ ދޫކޮށްލެއްވި "ނިއު މޯލްޑިވްސް" މޫވްމެންޓެވެ. އަރިހުގައި ތިެއްބެވި "ޖަޔަންޓް" ސިޔާސީ ލީޑަރުން ދޫކޮށްލެއްވުމެވެ. އެހެން ކަމުން ނިއު މޯލްޑިވްސް މޫވްމެންޓުގެ ތެރެއިން ޑރ. ހަސަން އަކީ ކިހާ ވަރެއްގެ ބޭފުޅެއްކަން ސާފެވެ. އޭނާ ރިޔާސީ ރޭހުގެ ތިން ވަނަ ހޯއްދެވި އިރު ނަމާ އެކު ވިއްކެވި ޕްރޮޑަކްޓުގެ ތެރޭގައި އައްޑޫ ދަރިއަކަށް ވުމެއް ނެތެވެ.

ތައުލީމީ ބޭފުޅަކަށް ވީތީ ތަފާތުތަ؟

ނޫނެކެވެ؛ މިއީ މީގެ ސާޅީހަކަށް ނުވަތަ ފަންސާކަށް އަހަރު ކުރިއެއް ނޫނެވެ. ރައީސް މައުމޫން މިސްރުން ކިޔަވައި ވިދާޅުވެގެން ވަޑައިގެން އެމަނިކުފާނުގެ ދީނީ އަދި އިލްމީ ވާހަކަތަކަށް ދިވެހިން ލޯހުޅުވައި ވެރިކަން ދިން ގޮތަށް މިހާރު ދިނުމަކީ ވަރަށް ނާދިރު ކަމެކެވެ. ރައީސް މައުމޫން ވެރިކަމަށް ވަޑައިގަތީ ވެސް އޭރު އޮތް ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވަމުން ދަނިކޮށެވެ. އެކަމަކު އޭރު ދިވެހިން އެމަނިކުފާނު ބޮޑަށް ބަލައިގަތީ ދީނީ އިލްމުވެރިއެއްގެ ގޮތުގަ އެވެ. ސަބަބަކީ އެވަރުގެ ދީނީ އިލްމެއް، ހާއްސަކޮށް އެވަރުގެ އިލްމެއް ހޯއްދަވައިފައިވާ ބޭފުޅަކު އޭރު ރާއްޖޭގައި މަދުވުމެވެ. އެހެން ވެ، ދީނީ އިލްމުވެރި ބޭފުޅަކު ވެރިކަމަށް ގެނައުން އޭރު ދިވެހިންނަށް ވީ ބޮޑު ފަހުރަކަށެވެ.

އެކަމަކު ރާއްޖޭގައި ފަހުގެ ތާރީހުތައް ދައްކަނީ އެއާ މުޅިން ދެކޮޅަށެވެ. ދީނީ އިލްމު ހާސިލު ކުރެއްވި ބޭބޭފުޅުން ވަރަށް ގިނައިން އިންތިހާބީ މަގާމުތަކަށް ކުރިމަތިލައްވައި ހައިރާންވާހާ މަދު ވޯޓާ އެކު ވަނީ ނާކާމިޔާބުވެފަ އެވެ. އަދާލަތު ޕާޓީގެ ބޮޑެތި ޝެއިޚުންނަށް ވެސް ވަނީ މި ހަގީގަތާ ކުރިމަތިލާން ޖެހިފަ އެވެ.

ދީނާއި ސިޔާސަތަކީ ދިވެހިން ގަބޫލުކުރާ ގޮތުގައި ދެ ކަމެކެވެ. ދީނީ މީހުން ސިޔާސީ ވުމަކީ އެއް ބަޔަކު ބޭނުންވާ ގޮތެއްވެސް ނޫނެވެ. ދީނީ މީހުން ދީން ފެތުރުން އެއީ ގިނަ ދިވެހީން ގަބޫލުކުރާ އަސާސެވެ. އޭގެ ހަމަ އަނެއް ކޮޅެވެ. އިލްމީ މީހުން ވެސް އިލްމު ފެތުރުމުގައި ހަރަކާތްތެރިވުމުން ދިވެހިންގެ މެދުގައި އެ މީހެއްގެ ގަދަރު މާ ބޮޑަށް އުފުލެއެވެ.

އުގެއިލް ރިޔާސީ ރޭހަށް ވަޑައިގަންނަވާ ވާހަކަތަކާ އެކު ވެސް އިވެމުން އަންނަނީ މިކަހަލަ ވާހަކަތަކެކެވެ. އެއް ބަޔަކު ބުނަނީ އުގެއިލްގެ ވިސްނުން ޖައްވުން ބޭރުވީ ކަމަށެވެ. އަދި އޭނާ އެ ހައްދަވަން އުޅުއްވަނީ ގޯހެއް ކަަމަށް ވެސް ބައެއް މީހުން ދެކެ އެވެ.