ތާރީހީ ގޮތުން ބަލާނަމަ ކަރަންޓުގެ ސިނާއަތަކީ ފިރިހެނުން މަސައްކަތް ކުރަމުން ގެންދިޔަ ސިނާއަތެއް ނަމަވެސް މިކަން ބަދަލުކޮށް ސްޓެލްކޯއަކީ ކަރަންޓުގެ ސިނާއަތައް ކަނބަލުން ނިކުތުމަށް ހިތްވަރުދޭ ކުންފުންޏެއް ކަމަށް ހަސަން މުގުނީ ވިދާޅުވެއްޖެ އެވެ.

މުގުނީ މިހެން ވިދާޅުވީ ކަރަންޓުގެ ސިނާއަތުގައި ކަނބަލުންގެ ދައުރު އިތުރު ކުރުމަށް ސްޓެލްކޯއިން ކަނބަލުންނަށް ހާއްސަކޮށްގެން ހިންގި "ނެޝަނަލް ސެޓްފިކެޓް ތްރީ އިން އިލެކްޓްރީޝަން" ކޯހުގެ ނިންމުން ފާހަގަކޮށް، ދަސްވެނިވި ފަރާތްތަކަށް ސެޓިފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

މުގުނީ ވިދާޅުވީ ސްޓެލްކޯއަކީ ކަރަންޓުގެ ސިނާއަތަށް ކަނބަލުން ނެރޭ އަދި އިތުރު ކަނބަލުން މި ސިނާއަތައް ނިކުތުމަށް ހިތްވަރުދޭ ކުންފުންޏެއް ކަމަށާއި ސްޓެލްކޯއަކީ މަސައްކަތްތެރި ޒުވާނުންތަކެއްގެ ހިދުމަތް ގައުމަށް ފޯރުކޮށްދޭ މުހިއްމު ޒިންމާތަކެއް އަދާ ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި ތާރީހީ ގޮތުން ބަލާނަމަ މި ސިނާއަތަކީ ފިރިހެނުން މަސައްކަތް ކުރަމުން ގެންދިޔަ ސިނާއަތެއް ނަމަވެސް އެކުންފުނީގެ މިހާރުގެ މެނޭޖްމަންޓާއެކު، އެ ކުންފުނި ވެފައިވަނީ މި ސިނާއަތަށް އަންހެނުން ނިކުތުމަށް ހިތްވަރުދޭ ކުންފުންޏަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކޯހުގައި ޖުމުލަ 20 މީހަކު ބައިވެރިވީ ނަމަވެސް، ކޮވިޑާ ގުޅިގެން ކުރިމަތިވި ހުރަސްތަކާއެކު އެ ކޯސް ފުރިހަމަ ކުރެވިފައިވަނީ މީގެ ތެރެއިން 10 ބައިވެރިއަކަށް ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ދަސްވެނިވެފައިވަނީ އަށް ބައިވެރިއެކެވެ.

ކޯސް ނިންމި ހުރިހާ ބައިވެރިންގެ ހިތްވަރު ފާހަގަކޮށް މަރުހަބާ ދަންނަވަމުން މުގުނީ ވިދާޅުވީ، އަންހެނުންނަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ހިންގި އެކޯހުގެ ބައިވެރިންނަކީ ތާރީހުގައި ލިޔެވިގެންދާނެ ބައެއް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ސްޓެލްކޯއަކީ މަސައްކަތްތެރި ޒުވާނުންތަކެއްގެ ހިދުމަތް ގައުމަށް ފޯރުކޮށްދޭ މުހިއްމު ޒިންމާތަކެއް އަދާ ކުރަމުންދާ ކުންފުންޏެއް. ތާރީހީ ގޮތުން ބަލާނަމަ މި ސިނާއަތަކީ ފިރިހެނުން މަސައްކަތް ކުރަމުން ގެންދިޔަ ސިނާއަތެއް." އޭނާ ވިދާޅުވި އެވެ.

މިއަދު ކޯސް ފުރިހަމަ ކުރި ހުރިހާ ބައިވެރިންނަކީ ހަމަ އެކަނި ސްޓެލްކޯގެ މުވައްޒަފުންނަށް ނުވުމަކީވެސް މި ސިނާއަތުގައި މަސައްކަތް ކުރަން ޝައުގުވެރިވާ އަދި ދެ ޖިންސްގެ ޒުވާނުންނަށްވެސް އެ ކުންފުންޏަކީ ހުޅުވާލެވިފައިވާ މުއައްސަސާއެއް ކަން ހާމަވާ ކަމެއް ކަމަށް މުގުނީ ވިދާޅުވިއެވެ. އަދި މިކޯހުން ދަސްވެނިވި ފަރާތްތަކަކީ ހައުސް ވަޔަރިން ސެޓެފިކެޓް ހޯދުމުގެ ޝަރުތު ހަމަވާ އަދި އެދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުވެސް ތަނަވަސްވެފައިވާ ބައެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

އުއްމީދަކީ މި އަހަރު ނިމުމުގެ ކުރިން އިތުރު ފުރުސަތުތަކާއެކު، މިކޯހުގެ އިތުރު ބުރެއް އެ ކުންފުނީގެ ފަރާތުން ފެށުން ކަމަށް މުގުނީ ވިދާޅުވި އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރުދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ، މިފަދަ މަސައްކަތްތަކަކީ އަންހެނުންގެ ބައިވެރިވުން ކުޑަ މަސައްކަތްތަކެއްގެ ގޮތުގައި ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކަމަށެވެ. އެހެން ނަމަވެސް، މިއަދު މިކޯސް ނިންމި ކަނބަލުން ވެގެންދާނީ މުސްތަގުބަލުގައި މި ދާއިރާއަށް ނިކުންނަން ބޭނުންވާ އަންހެނުންނަށް ހިތްވަރަކަށް އަދި ބިންގަލަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯސް ނިންމި ބައިވެރިންގެ ފަރާތުން ވާހަކަ ދައްކަމުން މަރިޔަމް ލަޔާލް ބުނީ، މި ދާއިރާގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން އެކޯހުގައި ބައިވެރިވީ އެކަމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން ކަމަށާއި، އެމަސައްކަތުގެ ހުނަރު އިތުރަށް ބިނާ ކުރުމުގެ މަގުސަދުގައި ކަމަށެވެ.