ގއ. އަތޮޅު ރިސޯޓަކުން ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ކޫއްޑޫ އެއާޕޯޓުގައި ހުންނަ އައިލެންޑް އޭވިއޭޝަންގެ މެނޭޖަރާއެކު އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހަކާ އަދި 37 އަހަރުގެ މީހެކެވެ. އެ ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މި މައްސަލައާ ގުޅިގެން ވަގަށް ނެގި ފައިސާތައް ހޯދުމަށް ކުރި މަސައްކަތުން 10،000 ޔޫރޯ ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކޫއްޑޫ އެއާޕޯޓުގެ މެނޭޖަރު ސައުދުﷲ ރަޝީދު "ވަން" އަށް މިއަދު ވަނީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖަރު ހިމެނޭކަން ކަށަވަރު ކޮށްދެއްވައިފައެވެ.

އެކަމާ ގުޅިގެން މޯލްޑިވިއަނުން ބުނީ އެފަދަ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށާއި ނަމަވެސް އެކަން ބަލަމުން އަންނަ ކަމަށެވެ.