ފުރަތަމަ ދުވަހު 1000 އާ ގާތްކުރާ އަދަދަކަށް ކުޑަކުދިން ވެކްސިން ޖަހައިފިއެވެ.

މިއަދު ވަނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދޭން ފަށައިފައެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު 990 އަށްވުރެ ގިނަ ކުޑަކުދިން ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށެވެ. އަދި މިއަދު ވެކްސިން ޖެހި ކުދިންގެ ފަރާތުން އެއްވެސް ކަހަލަ ނޭދެވޭ ކަމެއް ނުފެންނަ ކަމަށްވެސް ވިދާޅުވިއެވެ.

"ކޮރޯނާ ވައިރަހާ ދެކޮޅަށް އެކުދިންގެ ހަށިގަނޑުގައި ދިފާއީ ނިޒާމު ތައްޔާރުކުރަން ފަށައިފި. އިރާދަކުރެއްވީތީ އެއްވެސް ކަހަލަ ނޭދެވޭކަމެއް މިއަދު ނުފެނޭ. އެހެން ކުޑަކުދިންވެސް އަވަހަށް ތައްޔާރުވޭ،" ފައިސަލް ޓުވީޓު ކުރައްވާފައިވެއެވެ.

މިއަދު ހެނދުނު ވެކްސިން ޖަހަން ފަށާފައިވާ އިރު، މި އުމުރުފުރާގެ ކުދީންނަށް ދޭން ނިންމާފައިވަނީ ފައިޒާ ވެކްސިނެވެ. ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް އިސްލާމީ މަރުކަޒުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ. އަދި ވެކްސިން ޖަހަނީ ކުރިއާލައި އެޕޮއިންޓްމަންޓް ދޫކޮށްގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މާލެ އާއި އަތޮޅު ތެރޭގެ ޖުމުލަ 19 ސުކޫލެއްގެ ދަރިވަރުންނަށް ވެކްސިން ޖަހަން ފަށާފައިވާ ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ގާތްގަނޑަކަށް 35000 އެއްހާ ދަރިވަރުން އެބަތިބި ކަމަށެވެ.

ސްކޫލު ކުދީންނަށް ކޮވިޑް ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި އެޗްޕީއޭ އަދި ހެލްތު މިނިސްޓްރީ ގުޅިގެންނެވެ.

އެޑިއުކޭޝަނުން ބުނީ އަމާޒަކީ މިމަސް ނިމުމުގެ ކުރިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ކަމަށެވެ.