އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް އެ ކުއްޖާގެ މަންމަ އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް އެ ކުއްޖާގެ މަންމަ އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ޖެންޑާ މިނިސްޓްރީއާ ގުޅިގެން ބަލަމުން އަންނަ ކަމަށްވެސް ބުންޏެވެ.

ނަމަވެސް މައްސަލައާ ގުޅުން ހުރި އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެ މައްސަލައާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީން މިރޭ ބުނީ އުތުރުގެ ރަށެއްގައި މަންމަގެ ފަރާތުން ކުޑަ ކުދިންތަކަކަށް ޖިސްމާނީ އަނިޔާ ލިބުނު ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ރިޕޯޓު ކޮށްފައިވުމާ ގުޅިގެން، އެ އަތޮޅުގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރާއި ފުލުހުން ވަނީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް ކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަށް އޭނާގެ މަންމަ ވަރަށް ބޮޑަށް އަނިޔާކޮށްފައިވެއެވެ. އަދި މީގެ ކުރިން މިފަދަ މައްސަލައެއްގައި އޭނާގެ އެހެން ދަރިއަކުވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.