ރާއްޖޭގެ ސްކޫލު ކުދިންގެ ތެރެއިން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުން މިއަދު މާލޭގައި ކުރިއަށްގެންދާ އިރު، ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށްް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްލާމީ މަރުކަޒުގައި ހުންނަ ވެކްސިން ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ ސްކޫލު ކުދިންގެ ތެރެއިން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދާ ގޮތާ ބެހޭގޮތުން ރައީސް މިއަދު އިސްލާމީ މަރުކަޒުގައި ހުންނަ ވެކްސިން ސެންޓަރަށް ވަޑައިގެން މައުލޫމާތު އޮޅުންފިލުއްވި ކަމަށެވެ.

އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް މިއަދު ވެކްސިން ދޭން ފަށާފައިވާ އިރު، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް އިސްލާމީ މަރުކަޒުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ. އަދި ވެކްސިން ޖަހަނީ ކުރިއާލައި އެޕޮއިންޓްމަންޓް ދޫކޮށްގެންނެވެ.

ކުޑަކުދިންނަށް ވެކްސިން ޖަހަން ފަށާފައިވާ އިރު، މިއަދު 700 އެއްހާ ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. އަދި ޖުމުލަ 15 ރަށެއްގައި މިހާރު ވެކްސިން ދޭން ފަށާފައިވާ ކަމަށާއި ބައެއް ރަށްރަށުގައި ރެއިންސުރެ ވެކްސިން ޖަހަން ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ބޭނުންވާ މިންވަރަށް މިހާރު ރާއްޖެއަށް ވެކްސިން ލިބިފައިވާކަން އިއުލާނު ކުރައްވައިފައެވެ. އަދި 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންވާ ވަރަށް ފައިޒާ ވެކްސިން ރާއްޖެ ގެނެސްފައިވާކަން ރައީސް ވަނީ އިއުލާން ކުރައްވައިފައެވެ.

ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާ ސަރުކާރުގެ އެހީގައި ރާއްޖެއަށް ވަނީ 128،600 ޑޯޒްގެ ފައިޒާ ވެކްސިން ލިބިފައެވެ. ފައިޒާ އަކީ އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ދިނުމަށް ހުއްދަ ލިބިފައިވާ ހަމައެކަނި ވެކްސިނެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް މުޅި އާބާދީގެ 80 އިންސައްތަ މީހުން ވަނީ ޖަހައި ނިންމައިފައެވެ. އަދި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހައި ނިންމައިފައެވެ. ސަރުކާރުގެ އަމާޒަކީ މިމަހުގެ ނިޔަލަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުމެވެ.