މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ، ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖު ހުސްކުރަން އެންގި ނަމަވެސް އެ ސަރަހައްދުގައި ހުންނަ ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ)ގެ ސައިޓު ހުސްކޮށް އެހެން ތަނަކަށް ބަދަލު ކުރާން ނުޖެހޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ތިލަމާލެ ބުރިޖު އަޅަން ނިންމާފައިވަނީ ވެމްކޯގެ ސައިޓަށް ދަތިކަމެއް ނެތި ވަދެވޭ ގޮތަށް ކަމަށާއި އެހެންކަމުން އެ ކުންފުނީގެ ސައިޓު އެހެން ތަނަކަށް ބަދަލު ނުކުރައްވާނެ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން މިދިޔަ ޖުލައި މަހުގެ ހަވަނަ ދުވަހު ނެރުނު އިއުލާނެއްގައި ވަނީ ބުރިޖު ގުޅައިލުމަށް ހަމަޖެހިފައިވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދަށް ކަމަށާއި ބްރިޖުގެ މަސައްކަތް ކުރިއަށްދާއިރު، މާލޭގެ ވޯކްސައިޓެއްގެ ގޮތުގައި ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ އިންޑަސްޓްރިއަލް ވިލެޖު ކަމަށެވެ.
އެހެންކަމުން ވަގުތީ ގޮތުން އެކި ކަންކަމަށް ދޫކޮށްފައިވާ ބިންތައް ހުސްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހިމެނޭ ވަކިފަރާތަކާ ހަވާލުކޮށްފައި ނުވާ ބިންތަކަކީ ބުރިޖުގެ މަސައްކަތަށް އެކަށަ އަޅާފައިވާ ބިންތަކެއް ކަމާއި އެ މިނިސްޓްރީން ބެލި ބެލުމުން އެ ބިންތަކުގަ އާއި މިސަރަހައްދުގެ މަގުތަކުގައި ބައެއް ފަރާތްތަކުން ވެހިކަލް ޕާކުކޮށްފައި ހުންނަކަން ފާހާގަކުރެވިފައިވާތީ އެ ވެހިކަލްތައް ނަގައި އެތަންތަން ހުސްކުރަން ބޭނުންވާ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.
މިނިސްޓްރީން ވަނީ މިދިޔަ ޖުލައި މަހުގެ 31 ގެ ކުރިން އިންޑަސްޓްރިއަލް ވިލެޖުގައި ޕާކް ކޮށްފައިވާ ވެހިކަލްތައް ނެގުމަށް އަންގާފައެވެ. އަދި އެ މުއްދަތުގައި ވެހިކަލްތައް ނުނަގައިފި ނަމަ، މިނިސްޓްރީން ވެހިކަލްތައް ނަގައި ބިން ހުސްކުރާނެ ކަމަށާއި އަދި އެކަމުގައި ލިބޭ ގެއްލުމަކަށް މިނިސްޓްރީން ޒިންމާ ނުނަގާނެ ކަމަށްވެސް އިއުލާނުގައިވެއެވެ.
އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަނީ މާލެ ސަރަހައްދުގައި ހުންނަ ކުނި ނައްތާލުމަށް ތިލަފުއްޓަށް ގެންދިއުމުގެ ކުރިން ޖަމާކުރާ ސައިޓެވެ. އަދި އެތަނުގައި ވެމްކޯގެ އޮފީސް އިމާރާތެއްވެސް ވަނީ ގާއިމްކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު