ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްތޯ ކަށަވަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި، ނާޒިމް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފުލުހުންގެ ގާނޫނު ތަންފީޒުކުރުމަށް ކަމަށް ބުނެ، ފުލުހުންގެ ހިދުމަތުގައި އެތަކެއް އަހަރުތަކެއް ހޭދަކޮށްފައިވާ ފަރާތްތަކަކަށް ގާނޫނުން ކަށަވަރުކޮށްދީފައިވާ ވަޒީފާގެ ރައްކާތެރިކަން ގެއްލިފައިވާ ކަމަށެވެ. އަދި އެކަމުގައި އެ ފަރާތްތަކަށް ޖަވާބުދާރީވުމުގެ ފުރުސަތުވެސް ލިބިފައިނުވާ ކަމަށް ވިދާޅުވެފައިވެއެވެ.
އެހެންކަމުން އެ މައްސަލައަކީ 241 ކޮމެޓީން ބަލަންޖެހޭ މައްސަލައެއް ކަމަށް ނާޒިމުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. އަދި ވިދާޅުވީ، އެ ފަރާތްތައް ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމާފައި ވަނީ ގާނޫނާއި އެއްގޮތަށްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މަޖިލީހަށް ހުށަހަޅާ ކަމަށެވެ.
ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމުގެ މައްސަލަ ނާޒިމު މަޖިލީހަށް ހުށަހަޅާފައި މިވަނީ އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ގެންދަނިކޮށެވެ. އެގޮތުން އެ ނިންމުން، ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ތިބެ، އަލުން މުރާޖައާ ކުރުމަށް އިދިކޮޅު ކޯލިޝަނުންވެސް ވަނީ ގޮވާލައިފައެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުންގެ ލީޑަޝިޕުގައި ތިއްބަވަނީ ގާބިލު ބައެއްތޯ ފުލުހުންގެ ބޯޑުން ކަށަވަރުކުރަން ޖެހެއެވެ. އަދި އެކަން ކުރަން އަންގާފައި އޮންނަނީ ގާނޫނަށް އަމަލުކުރަން ފަށާތައި ހަތަރު މަސް ދުވަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު