ކުޅިވަރު

ރެއާލްގެ ފުރަތަމަ މެޗުގައި ފަސޭހަ މޮޅެއް، އެންސެލޯޓީގެ ތައުރީފު ބެންޒެމާއަށް

ރެއާލް މެޑްރިޑުން އާ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި 4-1 ގެ ނަތީޖާއަކުން އަލާވޭސް ބަލިކޮށްފިއެވެ.

އާ ކޯޗު ކާލޯ އެންސެލޯޓީގެ ކޯޗުކަމުގައި ރެއާލްއިން ރޭ ކުޅުނު ލަލީގާ މެޗުގައި އެޓީމަށް ގޯލް ޖަހައިދިނީ ކަރިމް ބެންޒެމާ އާއި ނަޗޯ ފެނާންޑޭޒް އަދި ވިނީޝިއަސް ޖޫނިއާއެވެ. އަލާވޭސްގެ ހަމައެކަނި ގޯލަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޖޯސެލޫ ޖަހައިދިން ގޯލެކެވެ. މެޗުގައި ރެއާލްގެ ބެންޒެމާ ވަނީ ދެ ގޯލް ޖަހައިފައެވެ.

ރަށުން ބޭރުގައި ރެއީލްއިން ރޭ ކުޅުނު މެޗުގައި ފުރަތަމަ 11 ގައި ގެރެތު ބޭލްވެސް ހިމެނިފައިވެއެވެ. ބޭލް ރެއާލްގައި އުނދަގޫ ދުވަސްތަކެއް ހޭދަކުރުމަށްފަހު މިދިޔަ ސީޒަންގައި ޓޮޓެންހަމްއަށް ގޮސް ކޮންމެވެސް ވަރަކަށް މެޗުތައް ކުޅެ އަލުން ފިޓްނަސް ހިފަހައްޓަން މަސައްކަތް ކުރިއެވެ. އެ މަސައްކަތާއެކު ޔޫރޯއަށް ގޮސް ބޭލް ވަނީ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ.

މެޗަށްފަހު އެންސެލޯޓީ ވަނީ ވަރަށް ބޮޑަށް ބެންޒެމާއަށް ތައުރީފު ކޮށްފައެވެ. އޭނާ ބުނެފައި ވަނީ މިހާރު ފެންނަނީ ކުރިން ރެއާލްގައި މަސައްކަތް ކުރިއިރު ފެނުނު ބެންޒެމާ ނޫން ކަމަށާއި، އެއަށްވުރެ މާ ފުރިހަމަ ކުޅުންތެރިއެއް ކަމަށެވެ.

"ބެންޒެމާއަކީ ހަމައެކަނި ފޯވަޑޭ ބުނުމުން އެ ވާނީ ބޭ އިންސާފަކަށް. އެއީ ފުރިހަމަ ކުޅުންތެރިއެއް. އޭނާގެ ޕާސަނަލިޓީއަކީ ވެސް ވަރަށް ވަރުގަދަ ޕާސަނަލިޓީއެއް. މީގެ ހަ އަހަރު ކުރިން އަހަންނަށް ފެނުނު ކުޅުންތެރިޔާއެއް ނޫން މިހާރު އެއީ. މިހާރު ބެންޒެމާއަކީ އެއަށްވުރެ މާ ބޮޑަށްވެސް ފުރިހަމަ ކުޅުންތެރިއެއް،" އެންސެލޯޓީ ބުނެފައިވެއެވެ.

ރެއާލްއިން މި ސީޒަނަށް ނުކުތީ ކްލަބުގައި ގިނަ ދުވަސްތަކެއް ހޭދަކޮށް، އެތައް ދުވަހަކު ކެޕްޓަން ބޭންޑް އަޅައިގެން ކުޅުމަށްފަހު ޕީއެސްޖީއަށް ބަދަލުވި ސާޖިއޯ ރާމޯސްއާ ނުލައެވެ. އޭނާ ނެތްތަން ފޫބައްދަން އެންމެ މުހިއްމު ރޯލެއް މިވަގުތު ކުޅޭނެ ލީޑަރަކީވެސް ބެންޒެމާއަށް ވާނެއެވެ.