ޒޫމް ކޯލެއްގައި ހުއްޓައި ތުއްތު ދަރިފުޅުގެ އަތުން ވަޒަނެއް އަރައި އަންހެނަކު މަރުވެއްޖެއެވެ. މި ހާދިސާގައި ވަޒަން އަރައި މަރުވެފައި ވަނީ ކުއްޖާގެ މަންމަ އެވެ.

މިކަން ހިނގީ އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގައި މިދިޔަ ބުދަދުވަހުގައެވެ. މަރުވެފައި ވަނީ 21 އަހަރުގެ ޝަމާޔާ ލީން ކިޔާ އަންހެނެކެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ޝަމާޔާ ޒޫމް ވީޑިއޯ ކޯލެއްގައި ހުއްޓައި ދަރިފުޅަށް ގޭތެރެއިން ފެނުނު ބަޑިއެއް ނަގައިގެން ކުޅެން އުޅުމުގެ ތެރޭގައެވެ. ވީޑިއޯ ކޯލުގެ ތެރެއިން ޝަމާޔާ ރަށްޓެހިންނާ ވާހަކަ ދައްކަނިކޮށް ދަރިފުޅުގެ އަތުން ބަޑި ޖެހި ޝަމާޔާގެ ބޮލަށް ވަޒަން އަރައި އޭނާ ވެއްޓުނީ ބަލަ ބަލައި ތިއްބައި ކަމަށް އޭނާގެ ރައްޓެހީން ބުނެއެވެ. އަދި އޭނާ ވެއްޓުމަށް ފަހު އިތުރަށް ތެދުވެފައި ނުވާ ކަމަށާއި، ވަގުތުން 911 އަށް ގުޅައި އެގެއަށް ފޮނުވި ނަމަވެސް، ލިބުނު ޒަހަމްތަކުގައި އޭނާ ވަނީ މަރުވެފައެވެ.

މިފަދަ ހިތާމަވެރި ހާދިސާތަކުން ސަލާމަތް ވުމަށް ނުރައްކާތެރި ހަތިޔާރު ގޭތެރޭގައި ގެންގުޅުމުގައި ބެލެނިވެރީން ވަރަށް ބޮޑަށް ސަމާލު ވުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

މިމައްސަލަ ބަލައި ތަހުގީގުކުރުމުން އެނގިފައިވަނީ އެ ބަޑިއަކީ ކުއްޖާގެ ބައްޕަގެ ބަޑިއެއް ކަމަށެވެ. މި ހާދިސާގައި ކުދީންނަށް އަނިޔާއެއް ވެފައެއް ނުވެ އެވެ.